ޚަބަރު

ޖާގައިގެ އިތުރަށް 700 ޤައިދީން ޖަލުތަކުގައި


ރާއްޖޭގެ ޖަލުތަކުގައި ގިނަވެގެން ޤައިދީން ބޭތިއްބޭނެ ޢަދަދަކީ ތޭރަ ސަތޭކަ ކަމަށްވިޔަސް މިހާރުވެސް ދެހާސް ޤައިދީން ޖަލުތަކުގައި އެބަތިބިކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އެހެނިހެން މައްސަލަތައް ޙައްލުކުރުމަށް ނޭކުރެންދޫގައި ހަދާ އާޖަލާއެކު 2020ވަނަ އަހަރު ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޖަލުތަކުގައި ތިބި ޤައިދީންގެތެރެއިން ޕެރޯލްގެ ދަށުން ދޫކުރާ ޤައިދީން މޮނިޓަރކޮށް ބެލެހެއްޓުމަށް ތަމްރީންކުރި އޮފިސަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަކީ މިސަރުކާރުން ކޮށްދެއްވާނެކަމެއްކަމަށެވެ.

ޖަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ސިޔާސަތުތައް ތަންފީޒުކުރުމުގައި މިއަހަރުގެ ތެރޭގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަމަށެވެ. އެގޮތުން ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ނުކުރެވޭވަރަށް މަސައްކަތް މިއަހަރުގެ ތެރޭގައި އެކަނި ކުރެވިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ޖަލުތަކުގެ ޙާލަތު ދެނެގަނެ ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތަކުގެ ޖާގައިގެ ދަތިކަން ކަމަށެވެ. ރާއްޖޭގެ ޖަލުތަކުގެ މިހާރުގެ ހާލަތު އޮތްގޮތުން ބޭތިބެންއޮތީ 1300 މީހުން ކަމަށްވިޔަސް މިހާރުވެސް 2000 މީހުން ޖަލުތަކުގައި ތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ދިމާވެފައިވާ މައްސަލަތަކަށް 2020ވަނަ އެހަރުގެ ތެރޭގައި ޙައްލު ގެނެވޭނެކަމަށެވެ. އެގޮތުން ހދ.ނޭކުރެންދޫގައި އަންނަ އަހަރު އެޅޭ ޖަލާއިއެކީގައި ޖަލުތަކުގައި ދިމާވެފައިވާ ޖާގައިގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި މީހުން ބަންދުކޮށް ހައްޔަރުކޮށްގެން ގެންގުޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސިޔާސަތެއް ނޫންކަމަށެވެ. ޖަލުތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކުރެވެން ކިރިޔާވެސް ހުރި މީހަކު ޖަލުގައި ބެހެއްޓުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޖަލުގައި ތިބި ކުށްވެރިންގެ ތެރެއިން ޕެރޯލްގެ ދަށުން ދޫކޮށްލެވެން ތިބި ވީހާވެސް ގިނަ ފަރާތްތަކެއް ދޫކުރުމަކީ ސަރުކާރުން އަމާޒު ކަނޑައަޅާފައިވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޕެރޯލްގެ ދަށުން ޤައިދީން ދޫކުރެވޭއިރު މިކަމަށް ޚާއްސަ ތަމްރީން ލިބިފައިވާ އޮފިސަރުންތަކެއް ތިބިކަމީ ޕެރޯލްގެ ދަށުން ދޫކުރެވޭ މީހުން މޮނިޓާކޮށް ބެލެހެއްޓުމަށް ލިބިގެންދާ އިތުރު ކުރިއެރުމެއްކަމަށެވެ. ޕެރޯލްގެ ދަށުން ދޫކުރާ ގައިދީން މުޖުތަމު ބަލައިގަންނަ ބަޔަކަށް ހެދުމަށް ދޫކުރާ ޤައިދީންގެ ޢާއިލާތަކާއި ޕެރޯލް އޮފިސަރުންގެ ޒިންމާ ބޮޑުކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކަމިޝަނަރ އޮފް ޕްރިޒަން ޢަބްދުﷲ މުނާޒު ވިދާޅުވީ ޕެރޯލް އޮފިސަރުން އައްޔަން ކުރުމާއެކު ޕްރޯލްގެ ދަށުން ދޫކުރެވޭ މީހުން މޮނިޓާކޮށް ބެލެހެއްޓުމުގައި މިހާރަށްވުރެ ފާރަވެރިކަން ބޮޑުވާނެކަމަށެވެ. ޕެރޯލް އޮފިސަރުންގެ ގޮތުގައި ތަމްރީން ދެވި 10 މީހަކު މިހާރު އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު ކުރިއަށް އޮތް ތަނުގައި އިތުރު މީހުން ތަމްރީން ކުރެވިގެންދާނެކަމަށް މުނާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ޤަލުތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ހުކުމަކާއި ނުލައި ޖަލުގައި ބަންދުކޮށްފައިވާ އެތައްބައެއްގެ ހައްގުތައް ހޯދައި ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. ސަރުކާރުންވަނީ މިކަންކަން ކުރުމަށް ޖަލުތަކުގެ ޚާއްސަ އޮޑިޓެއްކޮށް، ޖަލުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.