ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަށް 33 ކަމެއްގައި މައުލޫމާތު ދޫކުރި


މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ ބައެއް އިދާރާތަކަށް މަޢުލޫމާތު ހޯދަން އެދުމުން ނުދިން 33 ކަމަކާ ގުޅޭ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުމަށް ފަހުން ދޫކުރި ކަމަށް އެ އޮފީހުން ބުނެފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ ދައުލަތުގެ އިދާރާއަކަށް ހުށައަޅައިގެން މައުލޫމާތު ނުލިބިގެން 42 މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މި އަހަރުގެ ތެރޭގައި ހުށައެޅި ކަމަށެވެ. އޭގެ 34 މައްސަލަ މިހާރު ބަލާ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބަލާ ނިމުނު އެ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އޮފީހަކުން ހޯދަން ހުށައެޅި މައުލޫމާތަކީ ދޭން ޖެހޭ މައުލޫމާތެއް ނޫން ކަމަށް ނިންމިފައިވަނީ އެންމެ ފަރާތަކުން ހުށައެޅި މައްސަލައެއް ކަމަށް ފިޔާޒް ވިދާޅުވި އެވެ. ދޫކުރަން ޖެހޭ މައުލޫމާތެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުންވެސް އެ މައްސަލަ ކޯޓަށް ވެސް ހުށައަޅާފައިވެ އެވެ. މި އަހަރު އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ނުނިމި އޮތް 8 މައްސަލައިގެ ތެރޭގައި ޝަރުއީ މަރުހަލާގައި ބައެއް މައްސަލަތައް ހުރި ކަމަށް ވެސް ފިޔާޒް ފާހަގަ ކުރެއްވި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައަޅަން ޖެހޭ ރިޕޯޓް ހުށަނާޅާ 88 ޕަސެންޓް އޮތް ކަމަށް ފިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަންނަ އަހަރު މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އޮފީސްތަކުން މައުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން މޮނިޓަރކުރުން ރަނގަޅު ކުރާނެ ކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއަކުން މައުލޫމާތެއް ހޯދަން އާންމު ފަރާތްތަކުން ހުށައަޅައިގެން އެ މައުލޫމާތެއް ދޫނުކޮށްފި ނަމަ އެ މައްސަލަ އިންފޮމޭޝަން އޮފިސަރުގެ އޮފީހަށް ހުށައެޅިދާނެ އެވެ. އަދި އެ މައުލޫމާތަކީ ދޫކުރަން ޖެހޭ ފަދަ މައުލޫމާތެއް ނަމަ އެ މައުލޫމާތެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރަށް ގަބޫލު ކުރެވޭ ހާލަތުގައި އެ މައުލޫމާތު ދޫކުރަން އެ އިދާރާއަކަށް އަންގާނެ އެވެ. އަދި އެ އެންގުމަށް ތަބާ ނުވެއްޖެނަމަ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކޯޓަށް ހުށައަޅައިގެން ވެސް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އަމުރަކަށް އެދެން ޖެހެ އެވެ.