ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުޅުވާލައިގެން އަޑުއެހުންތައް ބާއްވަނީ


މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާއަކުން ހޯދަން އެދޭ މައުލޫމާތެއް އެ އިދާރާއަކުން ނުދީގެން އިންފޮމޭޝަން ކޮމިޝަނަރަށް ހުށައަޅާ ހުރިހާ މައްސަލަތަކުގެ އަޑުއެހުންތައް ދެން ބާއްވާނީ ހުޅުވާލައިގެން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވެއްޖެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު ފިޔާޒް ވިދާޅުވީ މައުލޫމާތެއް ހޯދުމަށް އިދާރާއަކަށް ހުށައަޅައިގެން ނުލިބިއްޖެ ނަމަ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރަށް ހުށައެޅުމުން އެ މައްސަލައަކާމެދު ގޮތެއް ނިންމާނީ ކޯޓުތަކުގައި ޝަރީއަތްތައް ހުޅުވާލައިގެން ގެންދާ އުސޫލުން އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއްގައިކަމަށެވެ.

ފިޔާޒް ވިދާޅުވީ ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ކޮމިޝަނަރު އަޑުއެހުމެއް ބާއްވާނަމަ އެކަން ކުރިން ތާވަލުކޮށް އާއްމުކުރާނެ ކަމަށެވެ.

ރަސްމީ އިދާރާއަކުން ދޫކުރަން ޖެހޭ ފަދަ މައުލޫމާތެއް ދޫނުކޮށްގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މިއަހަރުގެ ތެރޭގައި 42 މައްސަލައެއް ހުށައަޅާފައިވާއިރު 34 މައްސަލައެއް ވަނީ ނިންމާފައެވެ. ނިމުނު މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ފިޔަވާ އެހެން ހުރިހާ މައްސަލައެއްގައި ކޮމިޝަނަރު ނިންމަވާފައިވަނީ މައްސަލަ ހުށައެޅި ފަރާތުން އެދުނު މައުލޫމާތު ރަސްމީ އިދާރާއިން ދޫކުރަން ޖެހޭނެ ކަމަށެވެ.