ޚަބަރު

މިއަހަރު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅޭ 1200 ވުރެ ގިނަ މައްސަލަ


ކުޑަކުދިންނަށް ކުރާ އަނިޔާގެ 1200 އަށްވުރެ ގިނަ މައްސަލަ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 300 އަށްވުރެ ގިނަ މައްސަލަޔަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ހުށަހެޅިފައިވާ މައްސަލަތައްކަމުގައި ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ މިއަހަރުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ހުށަހެޅުނު މައްސަލަތައް ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވެފައިވާކަމަށެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި ޖިންސީ ގޮތުން ދެވޭ އަނިޔާތައް އިތުރުވުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާނެކަމެކެވެ. ކުޑަކުދިންނަށް ކުރެވޭ އަނިޔާއާއި، އެކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ޤާނޫނުން މަތިކޮށްފައިވާ ފަރާތަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއެވެ. މި ހިނގާ 2019 ވަނަ އަހަރު ނިމުމަކާއި ހަމައަށް އަންނައިރު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން، ކުޑަކުދިންނަށް ކޮށްފައިވާ އަނިޔާތަކާއި ހައްގުތަކުން މަހުރޫމްކޮށްފައިވާ މިންވަރު މިނިސްޓަރވަނީ ޕީއެސްއެމްއާއި ހިއްސާކުރައްވާފައެވެ.

ފާއިތުވެގެން މިދާ 2019 ވަނަ އަހަރުގެ ތެރޭގައި ކުޑަކުދިންނަށްކުރާ އަނިޔާއާއި ގުޅޭ 1241 މައްސަލަ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ކުޑަކުދިންނަށް ޖިންސީގޮތުން ދެވޭ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 333 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 252 މައްސަލައަކީ އަންހެން ކުދިންނަށް ޖިންސީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލައެވެ. މިނިސްޓަރ ވިދާޅުވީ ތަފާސް ހިސާބުތަކުން ފެންނަންހުރި އަދަދުތަކުން އެކަނިވެސް މިމައްސަލަޔަކީ މިހާރުން މިހާރަށް ފިޔަވަޅު އަޅައިގެންނޫނީ ހައްލުކުރެވޭނެކަމެއް ނޫންކަމަށެވެ.

ޙައްޤުތަކުން ކުޑަކުދިން މަހުރޫމްކުރުމާއިގުޅޭ 77 މައްސަލައެއްވެސް މިއަހަރުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ސްކޫލްތަކަށް ކުޑަކުދިން ފޮނުވުމަށް ދެކޮޅުހެދުމާ ގުޅޭ 27 މައްސަލައާއި، ކުޑަކުދިންނަށް ވެކްސިން ނުދީގެން ހުށައެޅި 7 މައްސަލަވެސް ހިމެނޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތައް ކަމާއިގުޅުންހުރި މުއައްސަސާތަކާއި ވާހަކަދައްކައިގެން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށްވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އަދި މިކަމުގައި ފަރުވާކުޑަކޮށް އިހުމާލުވާ ފަރާތްތަކާމެދު ހިންގަންޖެހޭ ތަހުޤީޤު ހިންގި ރައްކާތެރިކަން ދޭންޖެހޭ ހާލަތްތަކުގައި މިނިސްޓްރީއަށް ކުދިންނަގާފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވި.

ޅަފަތުގައި ކުޑަކުދިންނަށް ކުރެވޭ އަނިޔާއާއި، ޙައްޤުތަކުން މަހުރޫމްކޮށް އެކުދިންނަށް އިހުމާލުވާ މައްސަލަތަކަކީ ސަރުކާރުން ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން ބަލަމުންގެންދާ މައްސަލަތަކެކެވެ. މިފަދަ ހަރުކަށި ވިސްނުމާއި ފިކުރުގައި މަސައްކަތްކުރަމުންދާ ފަރާތްތަކަށް ނަސޭހަތްތެރިވެ ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކުން ސަލާމަތްކުރުމަށް ރ.މަޑުއްވަރީގައިވެސް "އައްސޭރީ"ގެ ނަމުގައިވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގޮސްފައެވެ.

މި އޮޕަރޭޝަންގައި 9 ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20ކުދިންގެ ހާލަތުބަލައި އެކުދިންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކޮށްފައިވާކަމަށް ޖެންޑަރ މިނސްޓަރ ވިދާޅުވިއެވެ. އޭގެ ތެރެއިން 4 ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން ދިނުމަށް ދެކޮޅު ހެދި އާއިލާތަކާއި ވާހަކަދައްކައިގެން ވެކްސިން ވަނީ ދީފައެވެ. އަދި 1 ކުއްޖަކުވަނީ އާއިލާގެ ތެރޭގައި ބަހައްޓައިގެން ރައްކާތެރިކަންކަށަވަރު ކުރެވޭނެ މާހައުލެއް ނެތްކަން ފާހަގަވުމުން އެކުއްޖާގެ ރައްކާތެރިކަން ކަށަވަރުވާފަދަ ތަނަކަށް ބަދަލުކޮށްފައެވެ. ކުޑަކުދިންނަށް ކުރެވޭ ޖިންސީ އަނިޔާއާއި، އެކުދިންގެ ޙައްޤުތައް މަހުރޫމްވާގޮތަށް ކުރެވޭ މިފަދަ އެއްވެސް އަމަލަކީ ސަރުކާރުން ނުބަލައި ދޫކޮށްލާނެ ކަމެއްނޫންކަމަށްވެސް މިނިސްޓަރ ޝިދާތާވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.