ޚަބަރު

އެމް.ޑީ.ޕީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


ކައުންސިލް އިންތިޚާބްގައި އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމް.ޑީ.ޕީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކެންޑިޑޭޓުންގެ ލިސްޓު ޖެނުއަރީ 13ގައި އިއުލާން ކުރުމަށް ވަނީ ހަމަޖައްސާފައެވެ.
މިއިންތިޚާބުގެ ފައިނަލް ވޯޓާސްލިސްޓް އާންމުކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީން ބުނެފައިވަނީ އިންތިޚާބުކުރަން ޖެހޭ އަދަދަށް ވުރެ ގިނައިން އެއް މަގާމަކަށް މެމްބަރުން ކުރިމަތިލުމަށް އެދޭނަމަ ޕާޓީގެ ޓިކެޓް ދޭނެ ބަޔަކު ކަނޑައަޅާނީ އެ ޕާޓީގެ ތެރޭގައި ބާއްވާ ޕްރައިމަރީއަކުންނެވެ.

ޕްރައިމަރީ ބާއްވަން ޖެހޭ ދާއިރާތަކުގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވެވޭނީ އަދި ވޯޓު ދެވޭނީ މި އަހަރުގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް އެކަނި ކަމަށް އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ހުރިހާ ގޮނޑިއަކަަށް ކުރިމަތިލުމަށް ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ސަރުކާރާ އިދިކޮޅު ޕީޕީއެމުންވެސް ކެންޑިޑޭޓުން ނެރޭނެ ކަމަށް ވަނީ އިޢުލާންކޮށްފައެވެ.