ޚަބަރު

އާ އަހަރާ ދިމާކޮށް ހިންގާ އޮޕަރޭޝަނުގައި 908 މީހަކު ބަލައި ފާސްކޮށްފި


އާ އަހަރާ ދިމާކޮށް ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނުގައި މިހާތަނަށް ނުވަ ސަތޭކަ އަށް މީހަކު ބަލައި ފާސްކޮށް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އާ އަހަރު ފެށުމާއެކު ލިބޭ ޗުއްޓީ ދުވަސްވަރު ހިންގާފާނެ ވައްކަމާއި އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމަށް އޮޕަރޭޝަން "ރިވިލި"ގެ ނަމުގައި ޑިސެމްބަރު 22ވަނަ ދުވަހުން ފެށިގެން މާލޭގައި ފުލުހުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އާ އަހަރުގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ބައެއް ފަރާތްތަކުން ހިންގަން ހަމަ ޖައްސާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޤަވާޢިދާ ޚިލާފު ބައެއް ކަންކަން ކުރުމަށް ރާވަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ސަމީރު ވިދާޅުވީ މި އޮޕަރޭޝަނުގެ ތެރޭގައި ބައެއް މީހުން ބަލައި ފާސް ކުރުމުގެއިތުރުން މިހާތަނަށް 6867 އުޅަނދެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ބަލައި ފާސްކުރުމުގެ ތެރޭގައި ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހްމަތު ކުރެވޭ ސާމާނު ހޯދިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ފޭރުމަށް ބޭނުންކުރާ އާލާތްތަކާއި އާ އަހަރު ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކަށް ފަންޑު ހޯދުމަށް ހޯދާފައިވާ ފައިސާ އާއި ބަނގުރަލާއި މަސްތުވާތަކެތި ފުލުހުން މިހާރު ހިންގާ އޮޕަރޭޝަނުގައި މިހާރު ވަނީ އަތުލައިގެނެވިފައި،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވި ގޮތުގައި އާ އަހަރު ފާހަގަ ކުރުމުގެ ނަމުގައި ކުށުގެ ޢަމަލުތައް ހިންގަފާނެކަމަށް ބެލެވޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށާ، މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި މި އޮޕަރޭޝަން ހިންގަމުންދާއިރު ޙަރަކާތްތެރިވާ ފުލުހުން އިތުރުވާނެ ކަމަށެވެ.

މި ނޫސްވެރިން ބައްދަލުވުގައި ސަބް އިންސްޕެކްޓަރއޮފް ޕޮލިސް މުޙައްމަދު އިސްމާޢީލް ވިދާޅުވީ ހުޅުމާލޭގައިވެސް އާ އަހަރު ފާހަގަކުރުމަށް ހިންގާ ޙަރާކަތްތަކުގެ ތެރޭގައި ޖިނާއީ ކުށެއްގެ ޢަމަލު ހިންގަފާނެކަމަށް ބަލައި ޚާއްސަ ސަމާލުކަމެއް ދީގެން ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ.

"މި އޮޕަރޭޝަނުގައި ހުޅުމާލެއަށް މީހުން އަރާ ފައިބާ ސަރައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންގެންދާނެ. އަދި ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަ ޖެހިފައިވާ ވާހަކަވެސް ދަންނަވަން، މި އޮޕަރޭޝަނުގައި، ގުރޫޕްތައް އެއްވެ އުޅޭ ސަރައްދުތަކާއި ކުށުގެ އަމަލުތައް އާއްމު ގޮތެއްގައި ހިންގާ ސަރައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ޕެޓްރޯލްކޮށް ބަލަމުން ގެންދާނެ،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާވަނީ އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ޢާއިލާއެކު އެކި ރަށްރަށަށް މީހުން ދާއިރު ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައި ސަމާލުކަންދޭންވީ ކަންކަން ފާހަގަ ކުރައްވާފައެވެ.

"ޗުއްޓީގައި މާލޭގައި އުޅުއްވާ ބޭފުޅުންނާއި މާލެއިން ޗުއްޓީއަށް ވަޑައިގަންނަވާ ބޭފުޅުން ގެސްޓް ހައުސްތަކުގައި ތިއްބަވާނަމަ ގެންގުޅުއްވާ އަގުބޮޑެތި ތަކެއްޗަށް ސަމާލުވެ ލެއްވުމަށް ދަންނަވަން. ހާއްސަކޮށް ފައިސާ، ގަހަނާއި، ޕާސްޕޯޓަށް ސަމާލުވުމަށް ދަންނަވަން. މާލެއިން ޗުއްޓީއަށް ވަޑައިގަންނަވާ ނަމަ ސީސީޓީވީ ކެމެރާ ހުންނަ ސަރައްދެއްގައި ސައިލް ޕާކްކުރުމާއި ހުންގާނު ތަޅުލުމަށް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ފުލުހުން ހިންގާ މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ވިދާޅެއްނުވެއެވެ.