ޚަބަރު

މަރު ކޮމިޝަނުން، ދައުވާކޮށް ދޭން އެދުނު މައްސަލަތައް އަނބުރާ ފޮނުވާލައިފި


ޑރ.އަފްރާޝިމް ޢަލީ އާއި ނޫސްވެރިޔާ އަޙްމަދު ރިޟުވާނާއި ބްލޮގަރ ޔާމީން ރަޝީދު މަރާލަން ރާވާ އެކަންކުރުވިކަމަށް ތުހުތުކުރެވޭ މީހުންގެ މައްޗަށް ދަޢުވާކުރުމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

މިމައްސަލަތަކުގައި ރިޔާސީ ކޮމިޝަނުން ދަޢުވާކުރުމަށް އެދިފައިވަނީ މުޙައްމަދު މަޒީދާއި، ސާމިތު މުޙައްމަދުގެ މައްޗަށެވެ. އަދި ޑރ.އަފްރާޝީމްގެ މަރުގެ ތަހްގީގަށް ދޮގު މައުލޫމާތު ދީ ތަހްގީގަށް ހުރަސް އެޅުއްވިކަމުގެ ތުހްމަތުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މައްޗަށްވެސް ދައުވާ ކޮށްދިނުމަށް އެދިފައިވެއެވެ.

އެހެން ނަމަވެސް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ވިދާޅުވީ އެމައްސަލަތަކުގެ ތަޙްޤިޤުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރުމުން އެމައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

މަރުތައް ތަޙްޤީޤްކުރާ ރިޔާސީ ކޮމިޝަނުން ޑރ.އަފްރާޝީމް ޢަލީއާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ މައްސަލަ ތަޙްޤީޤްކޮށް ޢާންމުކުރި ރިޕޯޓްގައި ވަނީ މަޒީދާއި ސާމިތަކީ ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރާ އޭގެ ސެލްތައް ރާއްޖޭގައި ހިންގާ ފަރާތްތަކެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެމީހުންނަކީ ރާއްޖޭގައި ހިންގާ އަލްޤައިދާ ގޮފި ހިންގާ ބައެއްކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

ޑރ.އަފްރާޝީމާއި ޔާމީން ރަޝީދާއި އަޙްމަދު ރިޟްވާން މަރުގެ މައްސަލާގައިގެ އަޑީގައިވަނީ ހަރުކަށި ފިކުރުކަމަށްވެސް ވަނީ ބުނެފައެވެ. އަދި އަލްޤައިދާގެ ގޮފި ރާއްޖޭގައި ހިންގަނީ ކުދިކުދި ސެލްތަކެއްގެ ގޮތުގައިކަމަށްވެސް މަރުކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.