ޚަބަރު

އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ މަޝްވަރާ މަޑުޖައްސާލައިފި


ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ (އެމް.އޭ.ސީ.އެލް.)އިން އިމާރާތްކުރާ އާ ސީޕްލޭން ޓަރމިނަލުން ޖާގަ ކުއްޔަށް ދިނުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓަރުންނާ ދެމެދު ކުރެވެމުންދާ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޓާރމިނަލުން ޖާގަ ކުއްޔަށް ދިނުމަށް އެމް.އޭ.ސީ.އެލް. އާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އައު ސީޕްލޭން ޓަރމިނަލުން ޖާގަ ކުއްޔަށް ދިނުމަށް މިހާތަނަށް އައިއިރު، އެއްވެސް އޮޕަރޭޓަރަކާއެކު އެއްބަސްވެވިފައިނުވާކަމަށެވެ. އަދި މިވަގުތު މިމަޝްވަރާތައް މަޑުޖައްސާލެވިފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި އައު ސީޕްލޭން ޓަރމިނަލާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިންނެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެ ޓާރމިނަލުން ކުއްޔަށް ހިފައިގެންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހަދާފައިވާ އައު ރަންވޭ އޮޕަރޭޓްކުރެވެން އަންނަނީ މިވަގުތު ރަންވޭއާއި އިންވެގެން ހުރިއެންމެބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާރވޭސް (ޓީ.އެމް.އޭ.) ގެ ފެސިލިޓީސްއާއި އެ ސަރަޙައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކުރެވިގެން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޓީ.އެމް.އޭ.ގެ އިމާރާތްތައް ފިޔަވައި އެހެނިހެން އިމާރާތްތައް ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށ ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް، ޓީ.އެމް.އޭ.ގެ އިމާރާތްތައް ހުސްކުރެވެން އަންނަނީ މިވަގުތު މަޑު ޖައްސާލެވިފައިވާ މަޝްވަރާތަކަށް ޙައްލެއް ލިބި، ޓީ.އެމް.އޭ.ގެ ފެސިލިޓީސްތައް ރިލޮކޭޓް ކުރެވިގެން ކަމަށް އެމް.އޭ.ސީ.އެލްގެ ބަޔާނުގައިވެއެވެ.

އަލަށް އިމާރާތްކުރަމުންދާ ސީޕްލޭން ޓާރމިނަލަކީ ކުރިމަގުގައި ސީޕްލޭންގެ އޮޕަރޭޝަން އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެޅޭވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމް.އޭ.ސީ.އެލުންވަނީ ބުނެފައެވެ. އެއިމާރާތަކީ ޓާރމިނަލެއްގައި ހުންނަން ޖެހޭ ޚިދުމަތްތަކުގެ އިތުުރުން އެއާރލައިން އޮޕަރޭޓް ކުރާ ފަރާތްތަކާއި ޓާރމިނަލް މެނޭޖްކުރާ ފަރާތްތަކުގެ އިދާރީ މަސައްކަތް ކުރާނެ ޖާގަ ހިމެނޭހެން ޒަމާނާ އެއްގޮތަށް ފަރުމާ ކޮށްފައިވާ ތަނެކެވެ. އަދި އެތަނަކީ ވީވީ.އައި.ޕީ ލައުންޖާއި ޕެސެންޖަރ އަދި ބެގޭޖް ހެންޑްލިން ފެސިލިޓީގެ އިތުރުން ރީޓޭލް ވިޔަފާރި އާއި އެފް.އެންޑްބީގެ ޚިދުމަތް ފަސޭހަ ކަމާއެކުލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާތަނެކެވެ.

ސައްބީސް މިލިއަން ޑޮލަރު ޚަރަދު ކޮށްގެން އިމާރާތް ކުރާ މިކޮމްޕްލެކްސްގައި 4 ފަންގިފިލާގެ ސީޕްލޭން ޓާރމިނަލަކާއި އެއް ފަންގިފިލާގެ ވީ.ވީ.އައި.ޕީ އިމާރާތެއް ހިމެނެއެވެ. އައު ސީޕްލޭން ޓާރމިނަލް ފަރުމާ ކުރެވިފައިވަނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތްކުރެވޭ ގޮތަށެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން މި އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށް ގަސްތު ކޮށްފައިވަނީ 2020 ގެ ދެވަނަ ކުއާރޓަރގައެވެ. އަދި މިޓާރމިނަލް ހުޅުވިގެންދާއިރު ވާނީ ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ ދުނިޔޭގެ އެންމެ ބޮޑު ސިޕްލޭންގެ އޮޕަރޭޝަންސް ހިންގާ
އިމާރާތަށް ކަމަށްވެސް އެމްއޭސީއެލުން ބުނެފައިވެއެވެ.