ވިޔަފާރި

މާލޭ ސިޓީގެ ބޮޑު ޗުއްޓީ ނައިޓް މާކެޓް ފަށައިފި


ސްކޫލް ބަންދާ ދިމާކޮށް ކުރިޔަށްގެންދާ "މާލޭ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް" ފަށައިފިއެވެ.

ނައިޓް މާކެޓް އިންތިޒާމްކުރާ ކުންފުނި، ސްކައި ލައިޓްއިން އިންތިޒާމްކޮށްގެން ބާއްވާ މި ނައިޓް މާކެޓް މިމަހުގެ 3 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ރަސްފަންނު ސަރަހައްދުގައި ކުރިޔަށްދާނެއެވެ. މި މާރކެޓުގައި ތަފާތު ބާވަތުގެ އެއްޗެތި ވިއްކާ 150 ސްޓޯލް ހުންނާނެކަމަށް ނައިޓް މާކެޓް އިންތިޒާމްކުރާ ސްކައި ލައިޓްއިން ބުނެއެވެ. އަދި ނައިޓް މާކެޓުގައި އަންނައުނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ސެންޓު، ސްކޫލްކުދިންގެ ދަބަހުގެ އިތުރުން އެކިކަހަލަ ފުޑް ސްޓޯލްތައްވެސް ހުންނާނެކަމަށްވެސް ސްކައިލައިޓްއިން ބުނެއެވެ.

މި ނައިޓް މާކެޓަކީ ހެޔޮ އަގުގައި އާންމު ރައްޔިތުންނަށް ތަކެތި ގަތުމުގެ ފުރުސަތު ފަހިކޮށްދީ، ވިޔަފާރިތަކަށް މުދާ ވިއްކުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ނައިޓް މާކެޓް އިންތިޒާމްކުރި އިވެންޓް މެނޭޖަރ އަހުމަދު ލައްސާން މައުލޫމާތުދިނެވެ.

"ސްކޫލް ބަންދާ ދިމާކޮށް މިހަރާކާތް އަސްލު ބޭއްވީ އަތޮޅުތެރެއިންވެސް ގިނަ އަދަދެއްގެ މީހުން މާލެ އަންނާނެތީ. ދެން މިތަނުގައި ތަފާތު އެކި ބާވަތުގެ ތަކެތި ހުންނާނެ. މިފަހަރު ހާއްސަކޮށް ކާބޯތަކެތި ވިއްކާ ސްޓޯލް ނައިޓް މާކެޓުގައި ގިނަކަން ފާހަގަކުރެވޭ" އަހުމަދު ލައްސާން ވިދާޅުވިއެވެ.

މި ނައިޓް މާކެޓް ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 11 އަށެވެ.