ވިޔަފާރި

40 އަށްވުރެ ގިނަ ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި 500 ޑޮލަރު!


މިދިޔަމަހު ސާޅީހަށްވުރެ ގިނަ ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް 500 ޑޮލަރަށްވުރެ ގިނައިން ދީފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެ މަހަކު ސާރވިސް ޗާޖުދޭ މިންވަރު އާމްމުކުރާ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް ސާރވިސް ޗާޖު ޑޮޓް ކޮމްއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު މުވައްޒަފުންނަށް އެންމެ ގިނައިން ސާރވިސް ޗާޖު ދީފައިވަނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނެވެ. މިރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް އެއްހާސް ނުވަސަތޭކައަށްވުރެ ގިނަ ޑޮލަރު ދީފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޑިސެންބަރުމަހު ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއްގެ ސާރވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ ދަ ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލި ރިސޯޓުންނެވެ. އެ ރިސޯޓުގެ ސަރވިސް ޗާޖު އުޅެނީ ނުވަސަތޭކަ ސަޅީސް އަށް ޑޮލަރަށްވުރެ މަތީގައެވެ. އަދި ތިން ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް ޑިސެންބަރުމަހު ނުވަސަތޭކަ އެއްތިރީސް ޑޮލަރު ދީފައިވެއެވެ.

ޑިސެމްބަރު މަހުގެ ހިސާބުތައް ދައްކާ ގޮތުން 6 ރިސޯޓަކުން ދިން ސަރވިސް ޗާޖު އުޅެނީ 500 ޑޮލަރާއި 900 ޑޮލަރާ ދެމެދުއެވެ. އެ ރިސޯޓްތަކަކީ ވޮލްޑޯފް އެސްޓޯރިއޯ މޯލްޑިވްސް އިތާފުށި ރިސޯޓު، ލަކްސް ނޯތު މާލެ އެޓޯލް، އަންނަތަރާ ކިހާވަށް މޯލްޑިވްސް ވިލާސް، ވަން އެންޑް އޮންލީ ރީތި ރަށް، ދުސިތު ތާނީ މޯލްޑިވްސް، ތާޖު އެގްޒޮޓިކާ މޯލްޑިވްސްއިންނެވެ.

މޯލްޑިވްސް ސާރވިސް ޗާޖު ޑޮޓް ކޮމްއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޑިސެމްބަރުމަހު ރާއްޖޭގެ 32 ރިސޯޓަކުން ވަނީ 500 ޑޮލަރަށް ވުރެ މަތިން މިދިޔަމަހު ސާވިސް ޗާޖު ދީފައެވެ.

ރިސޯޓުތަކުގެ މުވައްޒަފުންނަށް ލިބޭ ސާވިސް ޗާޖުގެ މައްސަލައަކީ ފަހަކަށް އައިސް މީސްމީޑިއާއާއި މީޑިއާތަކުގެ ފަލަ ސުރުހީން ވަރަށް ގިނައިން ފެނިގެން ދިޔަ މައްސަލައެކެވެ. އަދި މިމައްސަލަ އަކީ ޓުއަރިޒަމް މިނިސްޓްރީންވެސް ބޮޑު ސަމާލުކަމެއް ދީގެން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ މައްސަލައެކެވެ. ކަންމިހެން އޮތްއިރު، ގިނަ ރިޒޯޓުތަކުން މުވައްޒަފުންނަށް ރަނގަޅު ސާރވިސް ޗާޖެއްދޭކަމަށް ޓުއަރިޒަމް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ. އަދި މައްސަލަ ހުރި ރިޒޯޓުތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.