ޚަބަރު

މިދިޔަ އަހަރު 4900 އަށްވުރެ ގިނަ މައްސަލަ ސިވިލް ކޯޓުން ނިންމި


މިދިޔަ އަހަރުގެ ތެރޭގައި 4907 މައްސަލަ ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2019ވަނަ އަހަރު ފެށުނުއިރު އެ ކޯޓުގައި 1781 މައްސަލަ އޮތެވެ. އަދި 2019ވަނަ އަހަރު އެ ކޯޓަށް އަލަށް 4700 މައްސަލަ ހުށައެޅިއެވެ. އޭގެ ތެރެއިން އަހަރު ނިމުނިއިރު އެ ކޯޓުން ނުނިމި އޮތީ 1574 މައްސަލައެވެ.

ސިވިލް ކޯޓުން ވަނީ އެކޯޓުގައި ގިނަ ދުވަސްވެ ނުނިމިހުރި މައްސަލަތައްވެސް ބަލައި ނިންމާފައެވެ. މިދިޔަ އަހަރު ނިމުނުއިރު އެކޯޓުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި އޮތީ އެންމެ 6 މައްސަލައެވެ. ސިވިލް ކޯޓަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން 2253 މައްސަލައެއްގައި ޝަރީއަތައް ނުގޮސް ހައްލުކޮށްފައިވެއެވެ.

މިދިޔަ އަހަރު 7109 ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިޔެފައިވެއެވެ. އަދި އަހަރު ނިމުނުއިރު ނިމިފައިވާ ޝަރީއަތެއްގެ އެއްވެސް ރިޕޯޓެއް ނުލިޔެ ނެތެވެ. މިދިޔަ އަހަރުގެ ތެރޭގައި 45922 ކޯޓު އަމުރު އެކި ފަރާތްތަކަށް ފޮނުވާފައިވާއިރު 1495 މީހަކަށް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އެ ކޯޓުން ދޫކޮށްފައިވެއެވެ.