ޚަބަރު

ކައުންސިލް އިންތިހާބުގެ ހުރިހާ މަގާމަކަށް އޮންނާނީ އެއް ވޯޓު ކަރުދާސްކޮޅެއް


ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ މަގާމަކަށް ވޯޓުލާނީ އެއް ވޯޓު ކަރުދާސްކޮޅެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވީ ރަށު ކައުންސިލްތަކުގައި ރަށު ކައުންސިލްގެ ރައީސާއި ކައުންސިލް އާއްމު މެމްބަރުންނާއި އަތޮޅު ކައުންސިލަރަކަށް ވޯޓުލާނީ އެއް ވޯޓު ކަރުދާސްކޮޅެއްގައި ކަމަށެވެ. އަދި ސިޓީ ކައުންސިލްތަކުގައި މޭޔަރާއި ސިޓީ ކައުންސިލްގެ މެމްބަރުންނަށް އޮންނާނީ އެއް ވޯޓު ކަރުދާސްކޮޅެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަންހެނުން ކުރިއަރުވާ ކޮމެޓީގެ މެމްބަރުން އިންތިހާބުކުރާނީ ވަކި ވޯޓު ކަރުދާސްކޮޅެއްގައި ފާހަގަ ކޮށްލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކައުންސިލަށް އިންތިހާބުކުރާ އެކި މަގާމުތަކަށް ވަކި ވޯޓު ކަރުދާސްކޮޅުތަކެއް ޕްރިންޓްކުރާ ގޮތަށެވެ. އަކްރަމް ވިދާޅުވި ގޮތުގައި އެގޮތައް އެކަން ކޮށްފި ނަމަ އިންތިހާބަށް ކުރަން ޖެހޭ ހަރަދުވެސް ވަރަށް ބޮޑުވެ އެވެ. އަދި މިހާރު ހަމަ ޖައްސާފައިވާ ގޮތައް ދެ ވޯޓު ކަރުދާސް ކޮންމެ މީހަކަށް ދިނުމުން ހަރަދު ކުރަވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވަކި ވޯޓު ކަރުދާސްކޮޅުތަކުގައި ވޯޓުލައިފި ނަމަ ވޯޓު ގުނުމަށް ގިނަ ވަގުތުތަކެއް ވެސް ހޭދަކުރަން ޖެހެ އެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަންޖެހެ އެވެ. ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި 179 މީހަކު އިންތިހާބުކުރާއިރު އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މީހަކު އިންތިހާބު ކުރަންޖެހެ އެވެ. އަދި ހަތަރު ސިޓީއަކަށް މޭޔަރުންނާއި ކައުންސިލަރުން އިންތިހާބުކުރަން ޖެހެ އެވެ.