ކުޅިވަރު

އެމް.އެފް.އޭ ފުޓްސެލްކަޕްގެ ޗެމްޕިއަންކަން އިންސާފް ހޯދައިފި.


"މަކީޓާ އެމްއެފްއޭ ފުޓްސަލް ކަޕް 2015"ގެ ފިރިހެން
ބައިގެ ޗެމްޕިއަންކަން އިންސާފް ޓީމް ހޯދައިފިއެވެ. ރޭ ކުޅުނު މި މުބާރާތުގެ ފިރިހެން
ބައިގެ ޗެމްޕިއަންކަން އިންސާފް ހޯދީ ފައިނަލް މެޗުގައި ހަތަރެއް ދޭކުން ޓީމް ޓިކިޓަކާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ
މަޤާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ޗެމްޕިއަން އިންސާފް
ޓީމްގެ މުހައްމަދު އަޝްރަފެވެ. މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިޔަކީ އިބްރާހިމް
މަމްދޫހެވެ. ޖުމްލަ އަށް ޓީމް ވާދަކުރި ފިރިހެން ބައިގެ އެންމެ ގިނަ ލަނޑު ޖެހި
ކުޅުންތެރިއަކީ ހުސައިން ލަމްއާނެވެ. މިމަގާމްތަކުގެ އިތުރުން މުބާރާތުގެ ޑްރީމް
ޓީމްއަށްވެސް ރޭގެ ފައިނަލް މެޗަށްފަހުވަނީ އިނާމް ދީފައެވެ. 

ދެ ޓީމް ވާދަކުރި މި
މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެލްއޯއެލްއެވެ. އެއީ
ކްރަސްޓީސްއާއި ވާދަކޮށް ކުރި ހޯދައިގެންނެވެ. މަކީޓާ އެމްއެފްއޭ ފުޓްސަލް ކަޕްގެ ވަނަވައަށް އައި
ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން އަދި މެޑަލް ހަވާލްކޮށްދެެއްވީ ޔޫތް
މިނިސްޓަރ އަހްމަދު ޘުހޫރާއި، ސްޓޭޓް މިނިސްޓަރ ނާއިފް ޝައުކަތުގެ އިތުރުން
ފިލްމް އެސޯސިއޭޝަންގެ ބައެއް އިސްބޭފުޅުންނެވެ. 

ފިލްމީ ދާއިރާގެ އެކި އެކި ކަންކަމުގައި
ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން
ފުޓްސަލް މުބާރާތެއް ބާއްވަމުން އަންނަތާ މީ ތިންވަނަ އަހަރެވެ.