ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށަފައިއެވެ. މިފެށުނު ދިރާސީ އާއަހަރު ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމެނޭ ގޮތުން ރާއްޖޭގެ ސްކޫލްތަކުގައި އަށްޑިހަ ތިން ހާސް ނުވަސަތޭކަ ފަންސާސް ނުވަ ދަރިވަރުން ތަޢުލީމް ހާސިލްކުރާނެއެވެ.
ދިރާސީ އައު އަހަރަށް ދަރިވަރުންނާއި، މުދައްރިސުންނަށް ސްކޫލްތަކުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެގޮތުން އާއަހަރަށް މަރުހަބާ ކިއުމަށްޓަކައި ސްކޫލްތައް ޒީނަތްތެރިކޮށް މަރުޙަބާކިޔުމުގެ ކަންކަންވެސް ސްކޫލްތަކުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މިދިރާސީ އާ އަހަރަށް ދަރިވަރުންނާއި، ޓީޗަރުން ކުރިމަތިލީ އާ އުއްމީދުތަކާއި، ލަނޑުދަނޑިތަކަކާއެކުއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށިއިރު ސަރުކާރުގެ ސްކޫލްތަކުގައި ހަތްދިހަ ތިންހާސް ފަސްދޮޅަސް ހަތް ދަރިވަރުން ތަޢުލީމް ހާސިލްކުރާނެއެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 32 ދަރިވަރުން އިތުރު އަދަދެކެވެ. އަދި މިއަހަރު ސަރުކާރާއި އަމިއްލަ ތަންތަން ހިމެނޭހެން ޖުމުލަ އަށްޑިހަ ތިން ހާސް ނުވަސަތޭކަ ފަންސާސް ނުވަ ދަރިވަރުން ތަޢުލީމް ހާސިލް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރު އަލަށް ކިޔަވާދޭން ފެށި އިއްޒުއްދީން ސްކޫލްގައި 240 ކުދިން ތަޢުލީމް ހާސިލްކުރާނެ ކަމަށާއި އެސްކޫލްގައި 26 މުދައްރިސުން ކިޔަވައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ސަރުކާރުން އަލަށް ހުޅުވާ އިއްޒުއްދީން ސްކޫލާއެކު މިއަހަރު ސަރުކާރުގެ 212 ސްކޫލުގައި ކިޔަވާދޭނެއެވެ. މިއަހަރު އެއްދަންފަޅިއަށް 150 ސްކޫލް ހިނގާނެކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. މީގެއިތުރުން ސަރުކާރުގެ 170 ޕްރީސްކޫލްގައި ކިޔަވައިދޭނެއެވެ. އަދި ރާއްޖޭގެ 193 ސްކޫލެއްގައި އޯލެވެލް ހަދާނެ ކަމަށާއި 50 ސްކޫލެއްގައި އޭލެވެލް ހަދާނެ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.
މިއަދު ފެށި ދިރާސީ އާއަހަރު ޖުމްލަ 198 ދުވަހު ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ޓާރމް ނިމި ކިޔެވުން ބަންދުވާނީ މެއި މަހުގެ 21 ވަނަދުވަހުއެވެ. އަދި ދެވަނަ ޓާރމްގެ ކިޔެވުން ފެށޭނީ ޖޫން މަހުގެ 14 ވަނަދުވަހުއެވެ. އަދި މިއަހަރުގެ ދީރާސީ އަހަރު ނިންމާލުމަށްފަހު ސްކޫލްތައް ބަންދުވާނީ ނޮވެމްބަރު މަހުގެ 3 ވަނަދުވަހުއެވެ. 2021 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 10 ވަނަދުވަހުއެވެ.
މިއަހަރުގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލައިގެން ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ހަމަޖައްސާވަފައެވެ. މިގޮތަށް ހަމަޖެއްސެވީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށްވެސް އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ތަޢުލީމީ އަހަރަށް އެމިނިސްޓްރީން ވަރަށް ދުރާލާ ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ މަރާމާތަށް ބޭނުންވި ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތް ނިމި، ފޮތްތަކުގެ މައްސަލަވެސް ނިންމާ ތަޢުލީމީ ދާއިރާ ޗުއްޓީއަށް ދިއުމުގެ ކުރިން ފޮތްތައްވެސް ހަވާލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
މިއަހަރުގެ ކިޔެވުން ފެށިއިރު ސަރުކާރު ސްކޫލްތަކަށް ބޭނުންވާ ހުރިހާ ޓީޗަރުން ހަމަވެފައިވާ ކަމަށްވެސް އެމިނިސްޓްރީ ހާމަކުރެއްވިއެވެ.