ޚަބަރު

ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލުގެނެވޭނީ ޒުވާނުންގެ ބައިވެރިވުމާއެކު - ނައިބް ރައީސް


އެއްވެސް ޒުވާނެއްގެ ފަރާތުން އެހެން މީހަކަށް ގެއްލުންނުވާނޭ ގޮތަކަށް އަމަލުތައް ބެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ޒުވާނުންނަށް ޚާއްސަކޮށް "ލާމަސީލު ޒުވާނާ" ގެނަމުގައި ފެށި ޚާއްސަ ޕްރޮގުރާމު އިފްތިތާޙް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ގަބޫލުކުރަން ދަތިނަމަވެސް ރާއްޖޭގައި ކަންބޮޑުވާންޖެހޭ އެތައްކަމެއް އެބަހުރިކަމަށެވެ. މިއަދު އޮތީ މިޙަޤީގަތް ޤަބޫލުކޮށް މިކަންކަމާ ކުރިމަތިލާ ކާމިޔާބު ހޯދުންކަމަށެވެ. މިކަންކަން ކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނީ ދިވެހި ޒުވާނުންނަށް ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.

މަސައްކަތުގެ މައިދާނުގައި ކަމައް ކަމޭހިތާ، ހީވާގި ޒުވާނުންނަށްވުމުގެ ނަމޫނާ ދެއްކުމަށް ނައިބް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ތިމާގެ އިހުމާލުވުމުން އެހެން މީހުންނަށާއި، އަމިއްލަ ނަފްސަށް ގެއްލުންނުވާނޭ ގޮތަކަށް ތިމާގެ އަމަލުތައް ބެހެއްޓެވުމަށް ނައިބް ރައީސް ވަނީ ދިވެހި ޒުވާނުންނަށް އިލްތިމާސް ކުރައްވާފައެވެ.

ޤައުމެއް ތަރައްޤީވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒުވާން ރަނގަޅު ޖީލެއް އޮވެގެންކަން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ފެންނަން އެބަހުރި ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ. ޒުވާނުންގެ ޖީލެއް ބިނާކުރެވިގެން ދާނީ ރީތި އަޚުލާޤެއްގެ މައްޗަށްކަމަށާއި، މިއަދު މިފެށޭ ތަމްރީން ޕްރޮގުރާމުންވެސް ދެވޭ އިރުޝާދާއި، ތަމްރީންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނައިބްރައީސް ގޮވާލެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ފާއިތުވެދިޔަ އެއްވެސް ސަރުކާރަކުން ޒުވާނުންނަށް އަހައްމިޔަތުކަން ނުދޭ މިންވަރަށް އަހައްމިޔަތުކަން ދެއްވައިގެން މަސައްކަތް ކުރައްވާ ވެރިއެއްކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އެކަން އެންމެ ރަނގަޅަށް ހާމަވެގެންދަނީ ޒުވާނުން ތަރުބިއްޔަތުކުރުމުގެ ފުރަތަމަ ބިންގާ އެޅުމުގެ މަރުހަލާއިންކަމަށެވެ. މިއަދު ފެށި ދިރާސީ އަހަރުގެ ފުރަތަމަ ދުވަހުވެސް ވަޒީރުންގެ މަޖިލީހުގެ ގިނަ ބޭފުޅުން އަތޮޅު ތެރޭގެ އެކި ރަށްތަކުގައި ކިޔަވާ ކުދިންނާއެކު ތިބިކަމީ ޒުވާންޖީލު ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސަމާލުކަން ހެކިދޭކަމެއްކަމަށްވެސް ވިދާޅުވި.

ނައިބު ރައީސް ވަނީ ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި މިހާރަށްވުރެވެސް އިސްދައުރެއް އަދާކުރުމުގައި ޒުވާނުން ބައިވެރިވުމަށް ގޮވާލައްވާފައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތައް ކުރިއަރާފައިވަނީވެސް ޒުވާނުންގެ ހިތްވަރާއި ކެރުމާއިއެކުއެވެ. ރާއްޖެއަކީ އެއްދީނަކަށް ތަބާވާ އެއްބަހަކުން ވާހަކަދައްކާ ރައްޔިތަކުއުޅޭ ގައުމަކަށްވާއިރު ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ގައުމަކަށް ނުހެދެންވީ ސަބަބެއްނެތްކަމަށް ނައިބް ރައީސް ވިދާޅުވި.

މިއަދު ފެށި ލާމަސީރު ޒުވާނާ ޕްރޮގުރާމަކީ މީގެކުރިން ބްލޫސްފޯ ޔޫތުގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. ޔޫތު މިނިސްޓްރީއާއި، ފުލުހުން ގުޅިގެން ހިންގާ މި ޕްރޮގުރާމުގައި 81 ޒުވާނުންވަނީ ބައިވެރިވެފައެވެ.