ޚަބަރު

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފި


މިއަހަރަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފިއެވެ.

2020 ވަނަ އަހަރަށް އެކުލަވައިލެވުނު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް އަދި ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީއެވެ.

މި މަޖިލީހަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ. މި މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، އެ މަސައްކަތްތައްކުރާނީ އިދާރީ ގޮތުން މަޖިލިސް ކުރިއަށްދާނެ ގޮތް ކަނޑައަޅާ މި ޑިޕާޓްމަންޓުން އެކުލަވާލާފައިވާ ޤަވާޢިދުގައިވާ ގޮތުގެ މަތިންނެެވެ.

ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ، ފަނޑިޔާރަކު މަޤާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށްކަމުގައި ވަނީ ކަނޑައަޅާފައެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި މަޖިލިސް އެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 ފަނޑިޔާރުގެ މައްޗަށެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މި މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މިހާރުވަނީ ހަމަޖައްސާފައެވެ.