ވިޔަފާރި

ދިރާގުން "އީ-ސިމް"ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްފި


ދިރާގުން "އީ-ސިމް" ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

ދިރާގުން ބުނީ އީ-ސިމް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑިޖިޓަލް މުސްތަޤުބަލަކަށް ވާސިލްވުމަށް އިތުރު ބާރަކަށްވެ، މޯބައިލް ކަނެކްޝަންތައް މެނޭޖްކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

އީ-ސިމް އަކީ ޑިޖިޓަލް ސިމަކަށް ވުމުން އީސިމް ސަޕޯޓްކުރާ ފޯނުތަކުގައި، އާދައިގެ ސިމްއަކާއެކު ކޮންމެވެސް އެއް އީ-ސީމް ޕްރޮފައިލްއެއް އެއްވަގުތެއްގައި ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ އޮފީސް އަދި އަމިއްލަ ނަންބަރު ގެންގުޅުއްވާ ފަރާތްތަކަށް ދެ ނަންބަރު ބޭނުންކުރެއްވުން ފަދަ ލުއިފަސޭހަތަށް މި ޙިދުމަތުގެ ސަބަބުން ލިބިގެންދާނެކަމަށެވެ. އެގޮތުން، އީ-ސިމްގައި 8 ނަންބަރާ ހަމައަށް ޕްރޮފައިލް ރައްކާކުރެވޭނެކަމަށް ދިރާގުން މައުލޫމަތުދެއެވެ. މިއީ ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު ސިމް މެނޭޖްކުރެއްވޭނެ ޚިދުމަތަކަށް ވެގެންދާނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގު އީ-ސިމް އެކްޓިވޭޓް ކުރެއްވުމަށް ފަސޭހަކަމާއެކު ދިރާގު އެޕް މެދުވެރިކޮށް ދިރާގު ސިމެއް ލިބޭ އަގަށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އީ-ސިމްގެ ޚިދުމަތް ބޭނުންކުރެވޭނީ އީ-ސިމް ކޮމްޕެޓިބަލް ނުވަތަ އީސިމް ޓެކްނޮލޮޖީ ހިމެނިފައިވާ ފަހުގެ ފޯނުތަކުގައިއެވެ.