ޚަބަރު

ޕީއެސްއެމްއިން "މާސްޓަރ ޝެފް މޯލްޑިވްސް" ލޯންޗުކޮށްފި


މަޝްހޫރު ޓިވީ ފްރެންޗައިޒް، "މާސްޓަރ ޝެފް" ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއިން ރާއްޖެއަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

ޓީވީއެމްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެންޑެމޯލް ޝައިން ކުންފުނީގެ ފްރެންޗައިޒް، "މާސްޓަޝެފް މޯލްޑިވްސް" ލޯންޗްކޮށްދެއްވީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ.

"މާސްޓަޝެފް މޯލްޑިވްސް" ލޯންޗްކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކައިގައި ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވަނީ މާސްޓަރ ޝެފްގެ ޝޯވްތައް ސެޕްޓެމްބަރ މަހުގެ ތެރޭގައި ދައްކަން ފަށާނެކަން އިއުލާން ކުރައްވާފައެވެ. ޢަލީ ޚާލިދު ވިދާޅުވީ މީރު ރަހައާއި ކުޅަދާނަ ކެއްކުންތެރިކަމަކީ ދިވެހީންގެ ލެޔާއި ގުޅިފައިވާ ކަމެއްކަމަށެވެ. އަދި މިއީ ކުރިއަރަމުން އަންނަ ޒުވާން، އުންމީދީ ކައްކާއިންނާއި މި ރޮނގުން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް ބައިނަލްއަޤްވާމީ ފަންތީގައި ވާދަކޮށް، ބެލުންތެރީންނާއި މުޅި ދުނިޔެއަށް މި ފަންނުގައި ދިވެހީންގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމަށް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ.

"އަޅުގަނޑު ދެކެނީ ދުނިޔޭގެ ނަންހިނގާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ޙައިސިއްޔަތުން ވެސް، އަޅުގަނޑުމެން ވީވަރަކުން މިފަދަ ޝޯވތައް ރާއްޖެ ގެނެސް ދިވެހީންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަންޖެހޭކަމަށެވެ. މިއަދު މާސްޓަޝެފް ފަދަ ދުނިޔޭގެ ނަންހިނގާ މަޤްބޫލު ޕްލެޓްފޯމެއް މެދުވެރިކޮށް އަޅުގަނޑުމެންގެ ޗެނަލްތަކުން މި ހަދިޔާ ދިވެހީންނަށް ދެވޭނޭ މަގު ފަހިކުރެވުން މީ ޕީއެސްއެމްގެ މުޅި ޓީމަށާއި އަޅުގަނޑަށް ލިބޭ ޚާއްސަ އުފަލެއް" ޢަލީ ޚާލިދު ވިދާޅުވިއެވެ.

މާސްޓަރ ޝެފް މޯލްޑިވްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި"މާސްޓަޝެފް" ފްރެންޗައިޒްގެ މައި ކުންފުނި އެންޑެމޯލް ޝައިންއިން އޭޝިއާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަ ރީޖަނަލް ޑައިރެކްޓަރ ރަޝްމީ ބަޖްޕާއީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރަޝްމީ ވިދާޅުވީ "މާސްޓަޝެފް" އަކީ ކެއްކުމުގެ ދާއިރާއިން ކުރިއަށްދާން ޝަޢުޤުވެރިވާ ދިވެހިންނާއި ފަތުރުވެރިކަމާއި ކެއިންބުއިމުގެ ޚިދުމަތްތަކާއި ގުޅުންހުރި ސިނާޢަތްތަކަށް ހުޅުވިގެންދާނޭ ފުރުސަތެއްކަމަށެވެ.

"މާސްޓަޝެފް އަކީ އަޅުގަނޑުމެންގެ އެންމެ މަޤްބޫލު އެންމެ ކާމިޔާބު އުފެއްދުން. ޕީ.އެސް.އެމްއާއެކު މާސްޓަޝެފް ރާއްޖެ ގެނައުމަށް ވެވުނު އެއްބަސްވުން ޙަޤީޤަތުގައި ރަމްޒުކޮށްދެނީ އޭޝިއާ ބައްރުގައި ވެސް މާސްޓަޝެފްއަށް އޮތް ލޯތްބާއި ތަރުޙީބު. އަދި އެކި ޤައުމުތަކުގެ އަމިއްލަ ރަހަތަކާއި ކެއިންބުއިމުގެ ސަޤާފަތްތައް މާސްޓަޝެފް އާއި ގުޅުވައިލުމަށް ޝަޢުޤުވެރިވާ މިންވަރު. ހަމަގައިމުވެސް އަޅުގަނޑު މިހުރީ ދިވެހިރާއްޖެއިން މާސްޓަޝެފް ފްރެންޗައިޒްއަށް ގެނެސްދޭނޭ ކަންތައްތައް ބަލައިލުމަށް ކެތްމަދުވެފައި" ރަޝްމީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި "މާސްޓަޝެފް މޯލްޑިވްސް"ގެ ފުރަތަމަ ސީޒަންގެ ސްޕޮންސަރުންނާއެކު ވަނީ ސޮއިކޮށްފައެވެ. ޓައިޓްލް ސްޕޮންސަރއަކަށް ހަމަޖައްސާފައިވަނީ ދިރާގުއެވެ. މީގެއިތުރުން އެސްޓީއޯ، ވިލާ ކޮލެޖް އަދި ބެންކް އޮފް މޯލްޑިވްސްއާއެކުވެސް ވަނީ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ދިރާގަކީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަޤްވާމީ ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ވެސް ޓައިޓްލް ސްޕޮންސަރެވެ. އަދި އެސްޓީއޯ އާއި ވިލާކޮލެޖްގެ އިތުރުން ބީއެމްއެލް އަކީ ވެސް ޕީއެސްއެމް އާ އެކު އަމިއްލަ އަދި ފްރެންޗައިޒް އުފެއްދުންތައް ސްޕޮންސަރ ކޮށްދެމުންދާ ފަރާތްތަކެކެވެ.

މި ޙަފްލާގައި ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރ އިބްރާހީމް ނަޞްރީން ވަނީ، "މާސްޓަޝެފް މޯލްޑިވްސް" ގެ ތެރެއިން ސްޕޮންސަރުންނަށް ހުރި ފަހި ފުރުސަތުތަކުގެ ތަފްސީލް ޙިއްސާކުރައްވާފައެވެ.

ޕީއެސްއެމްއިން ބުނީ ސްޕޮންސަރުންނަށް މާސްޓަރ ޝެފް ޝޯވ ތެރެއިންނާއި ބޭރުން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ. އަދި ޝޯވގައި ސްޕޮންސަރކުރުމުގެ ފުރުސަތު އެހެން ފަރާތްތަކަށްވެސް އޮތްކަމަށް ޕީއެސްއެމްއިން ބުނެއެވެ.

1990 ގައި އިގިރޭސިވިލާތުގައި އަލަށް ދައްކަންފެށި މާސްޓަޝެފްގެ މޭސްތިރިއަކީ ފްރޭން ރެޑޮންއެވެ. ގިނަ އަހަރުތަކެއް ވަންދެން ބީބީސީއިން ގެނެސްދިން ޝޯވ ކުޑަ މެދުކެނޑުމަކަށް ފަހު އަލުން ފަށާފައި ވަނީ 2005 ވަނަ އަހަރުއެވެ. އޭގެ 4 އަހަރު ފަހުން "މާސްޓަޝެފް އޮސްޓޭލިޔާ"އާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް މާސްޓަޝެފްގެ ޝޯވތައް ތަޢާރަފްވެގެންދިޔައެވެ.

އާންމުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ މި ޝޯވގެ 53 އުފެއްދުމެއް މިދިޔަ އަހަރު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެލުންތެރީންނަށް ވަނީ ގެނެސްދީފައެވެ. އަދި "މާސްޓަޝެފް ޔޫއެސް" ގެނެސްދޭން ފެށިތާ 10 އަހަރު ފުރުމާ ދިމާކޮށް އެ ޤައުމުން ވެސް ވަނީ ޝޯވގެ ފޯރި އިތުރަށް ގަދަކޮށްލާފައެވެ. މަޝްހޫރު ސްޓާރ ޓީވީ ނެޓްވޯކްއާއެކު އިންޑިއާއިން ވެސް ނިމިދިޔަ އަހަރު ވަނީ މާސްޓަޝެފްގެ ޝޯވތައް ގެނެސްދޭން ފަށާފައެވެ.

މާސްޓަޝެފް މޯލްޑިވްސްގެ ފުރަތަމަ ސީޒަން ޓީވީ ސްކްރީނަށް އަންނާނީ އަންނަ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. ނަމަވެސް. އޭގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޝޯވއަށް ބައިވެރިން ހޯދުމާއި މުބާރާތުގެ ޖަޖުން އިޢުލާނުކުރުމާއި މިނޫން ވެސް ޝޯވއާ ގުޅޭ މުހިންމު ޙަރަކާތްތައް ގެންދިއުމަށް ވަނީ ރާވާފައެވެ.