ޚަބަރު

ހިމަބިއްސަށް ސްކްރީންކުރުމަށް ޚާއްޞަ ސެންޓަރެއް ހުޅުމާލޭގައި ޤާއިމުކޮށްފި


ހިމަބިއްސަށް ސްކްރީން ކުރުމުގެ އިންތިޒާމު މިއަދުން ފެށިގެން ހުޅުމާލޭގައި ހަމަޖައްސައިފިއެވެ.
ހުޅުމާލޭގައި ހިމަބިއްސަށް ސްކްރީން ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ އޯޓިޒަމް ސެންޓަރާ އިންވެގެން ހުންނަ ޕްރީ ސްކޫލް ޢިމާރާތުގައެވެ.

މި ސެންޓަރުން ހެނދުނު 8:00އިން ރޭގަނޑު 10:00އަށް ހުޅުވާފައި ހުންނާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ހުން އައުމާއެކު ގައިގައި ކުދި ބިހިތަކެއް ނަގާނަމަ މިސެންޓަރަށް ގޮސް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެ އެޖެންސީން އިލްތިމާސްކުރައްވައެވެ. ސެންޓަރަށް ދައްކަން އަންނައިރު ވެކްސިން ކާޑު ނުވަތަ ވެކްސިން ޖަހާފަވާކަމުގެ ލިއުމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވެއެވެ. އަދި ބިދޭސީން ނަމަ ޕާސްޕޯޓާއި ވޯކްޕާމިޓް ކާޑު ގެންދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

އެޗްޕީއޭއިން ދަނީ ކޮންމެ ދުވަހަކުވެސް ހިމަބިއްސަށް މީހުން ޓެސްޓްކޮށް އެފަރާތްތަކުގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި ޙިއްސާކުރަމުންނެވެ. މިހާތަނަށް 4 މީހަކުވަނީ އެބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ޑަބްލިއު އެޗްއޯއިން ކަނޑައަޅާފައި ވަނީ 2017ވަނަ އަހަރުއެވެ. މިބަލި ނައްތާލުމަށް މުޅި ރާއްޖެ ހިމެނޭހެން އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއްވެސް ހެލްތް މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވެއެވެ.

މީސަލްސް ވައިރަސްއަކީ ފަސޭހައިން ގައިންގަޔަށް އަރާ ވައިރަހެކެވެ. މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގ ޑޯޒްތައް ފުރިހަމަ ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ އިރުޝާދުދީފައެވެ. ޚާއްސަކޮށް ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިން ގަވައިދުން ދިނުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.