ޚަބަރު

ޕީޕީއެމްގެ ވޯޓާސްލިސްޓް ޢާންމުކޮށް ޕްރައިމަރީ 7 ފެބްރުއަރީގައި


ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓަށް ވާދަކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.

ޕީޕީއެމްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެޕާޓީގެ ޓިކެޓަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. ޕްރައިމަރީގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 9 ފެބްރުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޕާޓީން ބުނެއެވެ.

ޕްރައިމަރީގައި ވޯޓްލުމަށް ޕީޕީއެމްއިން ވަނީ އެޕާޓީގެ ވޯޓާސްލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށްވެސް ހުޅުވާލާފައެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހުގެރޭ 10 ޖެހުމާއި ހަމަޔަށްވަނީ ހުޅުވާލާފައެވެ. އަދި އިންތިޚާބްގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޕްރައިމަރީގައި ވޯޓުލުމުގެ ފައިނަލް ވޯޓަރސް ލިސްޓް މިމަހުގެ 26ވަނަ ދުވަހު ފޯރުކޮށްދޭނެކަމަށްވެސް ޕީޕީއެމްއިންބުނެއެވެ.

ޕީޕީއެމްގެ ޓިކެޓްގައި ކައުންސިލް އިންތިޚާބަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތަރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ. ޕީޕީއެމްއިން ދަނީ ކައުންސިލް އިންތިޚާބުގެ ކެންޕެއިން މިހާރުވެސް ށ.އަތޮޅުގައާއި ކ.އަތޮޅުގައި ކެންޕެއިން ހަރަކާތްތައް ހިންގަމުންނެވެ. މިހަރަކާތްތަކުގައި އެޕާޓީގެ އިސްސަފުގެ ގިނަ ބޭފުޅުން ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.