ޚަބަރު

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ކުށަކީ ޖިނާޢީ ބޮޑު ކުށެއްކަމަށް ކަނޑައަޅަނީ


ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ކުށަކީ ޖިނާޢީ ބޮޑު ކުށެއްކަމަށް ކަނޑައެޅުމަށް ޖިނާޢީ އިޖުރާއާތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއްކަމުގައި ކަނޑައެޅުމަށް ޖިނާއީ އިޖުރާތު ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.

މިބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35ވަނަ މާއްދާގެ(ހ) ގެ ދަށުން، ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަމާއި ހިމާޔަތް ލިބުމަކީ އެކުދިންނަށް ލިބިގެންވާ ޙައްޤެއް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ދިވެހި މުޖުތަމަޢުގައި ގިނަވެފައިވާތީއާއި އެކުދިންނަށް ކަށަވަރުކޮށްދޭންޖެހޭ ރައްކާތެރިކަން އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދެވިފައިނުވާތީއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލު ހިމަނައި، އެފަދަ އަމަލުތައް ކުރުން މަދުކުރުމާއި ހުއްޓުވުމުގެ މަޤުޞަދުގައި ހުށަހަޅާ އިޞްލާހެއްކަމަށް މިބިލް ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ.

"ޖިނާއީ ބޮޑު ކުށެއް" ކަމުގައި ޖިނާއީ އިޖުރާތު ޤާނޫނުގައި މިހާތަނަށް 11 ކުށެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މީހުން މެރުމުގެ ކުށާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި، ޓެރަރިޒަމްގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށާއި، މީހުން ޓްރެފިކްކުރުމުގެ ކުށާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށާއި، ވައްކަމާއި، ޓެކުމާއި، ޚިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތަކެވެ.

އަދި ކޮރަޕްޝަންގެ ކުށާއި ގޭންގު ކުށާއި، މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުމުގެ ކުށުގެ އިތުރުން ދައުލަތުގެ އިސްތިޤުލާލާއި މިނިވަންކަމަށް ގެއްލުންވާ ޢަމަލު ހިންގުންވެސް މީގެތެރޭގައި ހިމެނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ލާ އިންސާނީ ޢަމަލުތަކަށް މަގުފަހިވި އެންމެ ބޮޑު އެއް ސަބަބަކީ އެކުށްތަކުގައި ތުހުމަތުކުރެވޭ ބައެއް މީހުންގެ މައްސަލަތައް ޝަރުއީ މަރުހަލާއިން ނުނިމި ލަސްވުމާއި ދައުލަތުގެ ބައެއް އިދާރާތަކުން އެފަދަ މައްސަލަތަކުގައި އިހުމާލުވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ޤާނޫނަށް މިގެނެވޭ އިސްލާހާއިއެކު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ކުޑަކުދިންނަށް ކުރެވޭ ޖިންސީ އަނިޔާތަކާއި އިޙުމާލުވުންތަކުން އެކުދިން ޙިމާޔަތްކުރުމަށް ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް މިމަހު 20ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށާނެއެވެ.

މިޤާނޫނާއިއެކީ ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ޖިނާއީ އިޖުރާތުގެ ޤާނޫނުގައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅުމުން މިފަދަ ކުށްތއް ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅިގެންދާނެއެވެ.