ފަހު ވަގުތު ވިކްޓްރީ ބަލިކޮށް މާޒިޔާ އުރީދޫ ދިވެހި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.
ފޯރި ގަދަ ކުޅުމެއް
ފެނިގެންދިޔަ މިމެޗް މާޒިޔާ ކާމިޔާބުކުރީ ތިން ލަނޑު ދެލަނޑުންނެވެ. މެޗްގެ
ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި މާޒިޔާއަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ރޮޑްރިގޭޒްއެވެ.
ފުރަތަމަ ހާފް އެކެއް ސުމަކުން ނިމުނު ކަމުގައިވީ ނަމަވެސް ދެވަނަ ހާފްގައި
ވިކްޓްރީއިން ދެލަނޑު ޖަހާ ލީޑު ހޯދިއެވެ. ވިކްޓްރީގެ ފުރަތަމަ ލަނޑު އަހުމަދު
ނިޔާޒް ކާމިޔާބުކޮށްދިންއިރު، ލީޑު ހޯދަދިން ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް
އޮމޮޑޫ އެވެ.
ވިކްޓްރީއިން ލަނޑު ޖެހިތާ ފަސް މިނިޓްފަހުން މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ
މުހައްމަދު އުމެއިރެވެ. އަދި މެޗުން މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި
މާޒިޔާއަށް ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދު އެވެ.
މެޗަށްފަހު މާޒިޔާގެ ކޯޗް އަލީ
ސުޒެއިން ބުނީ މާޒިޔާއަށް މިއީ އުނދަގޫ ދުވަސްތަކެއް ކަމަށާއި، މި ލިބުނު މޮޅާއެކު
މާޒިޔާއަށް އެކަމުން އަރައިގަނެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ނިއުރޭޑިއެންޓް
މެޗަކީ މިވަގުތު މާޒިޔާއަށް އޮތް އެންމެ މުހިންމު މެޗްގެ ގޮތުގައި ސުޒޭން
ފާހަގަކުރިއެވެ.
ވިކްޓްރީގެ ކޯޗް އަހުމަދު ނާޝިދު ބުނީ ވިކްޓްރީއަށް
ކޮންމެ މެޗެއްވެސް މިގެއްލެނީ ފަހު ވަގުތު ކަމަށާއި މިކަން ހައްލު ކުރަން ޖެހޭ
ކަމަށެވެ. އަދި ލީގުގައި ވިކްޓްރީއަކީ މިހާރު ކޮންމެ ޓީމަކާވެސް ވާދަކުރެވޭ ވަރުގެ
ޓީމެއްކަން މިމެޗުންވެސް ފެނިގެންދިޔަަ ކަމަށް ނާޝިދު ބުންޏެވެ.
މިމެޗުން މޮޅުވުމުން ބާރަ ޕޮއިންޓާއެކު މާޒިޔާ ވަނީ
ތާވަލްގެ އެއްވަނައިގައިވާ ނިއުރޭޑިއެންޓާ ދެމެދުގައިވާ ފަރަޤް އެއްޕޮއިންޓަށް
ކުޑަކޮށްފައެވެ. ހަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ވިކްޓްރީ އަދިވެސް އޮތީ ލީގުގެ
ހަވަނައިގައެވެ.