ޚަބަރު

ހިޝާންގެ މައްސަލަ: އެ މީހާ ހަވާލުކުރީ މަންމަގެ ރުުހުމުގައި - ޖެންޑަރ


ކުރީގެ ދަރުމަވެރިޔާ އަދި ޑިސްއެބިލިޓީ އެމްބެސެޑަރު އަޙްމަދު ހިޝާންގެ ބެލެހެއްޓުމުގެ ދަށުން ބަލަމުންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހާ ހިޝާން އާއި ހަވާލުކުރީ މަންމަ ވެސް ހިމެނޭގޮތަށް ޢާއިލާގެ ރުހުމުގައިކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ޤާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017ވަނަ އަހަރުގެ ފަހުކޮޅުގައިކަމަށެވެ. އެ މީހާއާއި ގ.ނީރުވީކް އަޙްމަދު ހިޝާންއާ ފުރަތަމަ ބައްދަލުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ އަހަރުގެ ޖެނުއަރީ މަހުގައިކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހާގެ މައްސަލަ ފުރަތަމަ ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މައްސަލައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މަންމަ، އޭނާގެ އަމިއްލަ އިސްނެގުމުގެ މަތިން އޭނާގެ 18 އަހަރު ފުރިފައިވާ ދަރިފުޅުގެ ޤާނޫނީ ބެލެނިވެރިކަން ގ.ނީރުވީކް އަޙްމަދު ހިޝާންއާ ޙަވާލުކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އެއިރު ފެމިލީ ކޯޓުގައި ހިނގަމުންދިޔަ މައްސަލައާ ގުޅިގެން މިނިސްޓްރީން އެ މައްސަލައިގައި ހިމެނޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ޞިއްޚީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމެންޓެއް ހަދާފައެއް ނުވާކަމަށެވެ.

"ނަމަވެސް އެއިރު އޭނާއާ ގުޅޭގޮތުން މިމިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އޭނާއަކީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި، އޭނާއާ ގުޅޭގޮތުން ލިބިފައިވާ ޞިއްޙީ އަދި އެހެނިހެން މަޢުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން
ފާހަގަކުރެވިފައިނުވާތީ، މިނިސްޓްރީގެ ފަރާތުން އޭނާއާމެދު ޢަމަލުކުރަމުންދާނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭ އެއްގޮތަށެވެ." ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މި އަހަރުގެ ފެބުރުވަރީ މަހު ގ.ނީރުވީކް އަޙްމަދު ހިޝާންއާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފުލުހުން ތަޙުޤީޤު ފަށާފައިވާތީއާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ވަށައިގެންވާ ކަންކަމާއި، އަދި އޭނާގެ ޙާލަތާ ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީގައި އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް، އޭނާއަކީ އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ފަންނީ ތަޙުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު ކުރަމުންދާކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ޢުމުރުން 18 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ދަރުމަވެރިޔާ އަޙްމަދު ޙިޝާނާ ޙަވާލު ނުކުރުމަށް ފެމިލީ ކޯޓުން އަންގަވާފައިވަނިކޮށް އެމައްސަލަ ހައިކޯޓުގައި ހިޝާންގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ވަކިގޮތަކަށް ނުނިމެނީސް އޭނާގެ ބެލެނިވެރިކަން ހިޝާނަށް ހަވާލުކުރި މައްސަލައާ ގުޅިގެން އެކަން ވަނީ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މެންބަރުން ވަނީ މިނިސްޓަރ ޝިދާތާއަަށް މަޤާމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެވެމުން ނުދާކަމަށް ވިދާޅުވެ އެކަމަނާގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.