ޚަބަރު

މިނިސްޓަރ ޝިދާތާ މަޤާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި


ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.

ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުގައި އިތުރަށް ހުންނަވަން ފެނިވަޑައި ނުގަންނަވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިގޮތަށް ނިންމާފައިވާއިރު، މިއަދު މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައިވެސް މެމްބަރުން ވަނީ މިނިސްޓަރ ޝިދާތާ މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އަދި މެމްބަރުންވަނީ ޝިދާތާ މަޤާމުން އިސްތިއުފާ ނުދެއްވައިފިނަމަ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަޤާމުން ވަކިކުރުނާކެމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަންވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު އެ ވަޒީރަކަށް ލިބިގެންވާނެކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެކަމަށް ބެލޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު، އެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމަށް ލިބިއްޖެނަމައެވެ.

ޖެންޑާ މިނިސްޓަރ ޝިދާތާ މަޤާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާއިރު، ޝީދާރާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިކަމެއް އަދި އެޕާޓީން ހާމަކޮށްފައެއް ނުވެއެވެ.