ޚަބަރު

ކޮރޯނާ ފެނުނު ގައުމުތަކުން ޖަނަވާރު ގެނައުން މަނާކޮށްފި


ކޮރޯނާ ވައިރަހާއި އަދި ދޫނި ރޯގާއިން ރައްކާތެރިވުމުގެ ގޮތުން އެ ބަލިތައް އުޅޭ ގައުމުތަކުން ދިރޭ ޖަނަވާރު އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ މިދުވަސްވަރު ގިނަ ގައުމުތަކުގައި ކޮރޯނާ އާއި ދޫނިރޯގާ ފެތުރެމުން ދިއުމާއެކު ރޯގާ އުޅޭ ގައުމުތަކުން ދިރޭ ޖަނަވާރު އެތެރެކުރުމަކީ ރާއްޖެއަށް ވައިރަސް އެތެރެވުމުގެ ފުރުސަތު އޮތްކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

އެހެން ކަމުން ނޮވެލް ކޮރޯނާ ވައިރަސް އަދި ދޫނި ރޯގާއިން ރައްކާތެރިވުމަށް ވެޓެރިނަރީ ސެކްޓާއިން ދުރާލާ އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މި ބަލިތައް އުޅޭ ގައުމުތަކުން ދިރޭ ޖަނަވާރު އެތެރެކުރުމަށް ހުއްދަދިނުން ވަގުތީ ގޮތުން ފިޝަރީޒް މިނިސްޓްރީން ވަނީ މެދުކަނޑާލާފައެވެ. އަދި ޖަނަވާރު އެތެރެކުރަން ހުއްދަދޭން ފަށާނެ ތާރީޚެއް ފަހުން އިޢުލާނު ކުރާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޗައިނާގެ ވުހާންގައި ފެތުރެންފެށި ކޮރޯނާ ވައިރަސްގެ އަސްލަކީ ޖަނަވާރު ކަމުގައި ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މިވައިރަހަކީ ޒޫނޮޓިކް ވައިރަހެއްކަން ކަށަވަރުވެފައި ވާތީ މިވައިރަސް ޗައިނާގެ އިތުރުން އޭޝިއާއާއި ވިލާތާއި އެމެރިކާ ބައްރުގެ އެތައް ޤައުމަކުން ވަނީ މި ވައިރަސް ފެނިފައެވެ.

މިވައިރަސް ފެތުރެމުންދާ ގައުމުތައް އިތުރުވަމުން ދާއިރު ބަލިން ރައްކާތެރިވުމުގެ ގޮތުން ދިރޭ ނުވަތަ މަރުވެފައިވާ ޖަނަވާރާއި، ރަނގަޅަށް ރޯނުފިލުވާ ހުންނަ މަސްފަދަ ޖަނަވާރުގެ އުފެއްދުންތަކާ ގައިގޯޅި ނުވުމަށާއި، ޖަނަވާރު ވިއްކާ ތަންތަނަށް ނުދިއުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ވަނީ ލަފާދީފައި ވެއެވެ.