ޚަބަރު

އެންމެފަހުން ޝިދާތާ އިސްތިއުފާ ދެއްވައިފި


މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް އެންމެފަހުން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓަރ ޝިދާތާ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމެވިކަން ފުރަތަމަ ހާމަކުރައްވާފައިވަނީ މިނިސްޓްރީގެ މުވައްޒިފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިއަދުއެވެ.

މިއާއެކު ރައޯސުލްޖުމްހޫރިއްޔާވަނީ ޝިދާތާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، އިސްތިއުފާ ޤަބޫލުފުޅުކުރައްވާފައެވެ. އަދި ޖެންޑާ މިނިސްޓަރުގެ މަޤާމުގައި ހުންނެވައިގެން ޝިދާތާ ޝަރީފް ކުރެއްވި ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ޝިދާތާ މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު މިނިސްޓަރ ޝިދާތާ މަޤާމުގައި އިތުރަށް ހުންނަވަން ފެނިވަޑައި ނުގަންނަވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެވަނީ ސާޅިސް ފަސް މެމްބަރުންގެ އިއްތިފާގުން ނިންމާފައެވެ. އަދި ފަހަކަށް އައިސް ފެންމަތިވަމުންދާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މަސައްލަތަކާއި އިހުމާލުގެ މައްސަލަތަކުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލުވުން އޮތްކަމަށްބުނެ ވަރަށްގިނަބަޔަކު ދަނީ މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވައި ނުރުހުން ފާޅުކުރަމުންނެވެ.

ޖެންޑަރ މިނިސްޓާރ ޝިދާތާ ޝަރީފަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތްޕާޓީއަށް ނިސްބަތްވާ މެމްބަރެކެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު 17 ނޮވެމްބަރު 2018ވަނަ ދުވަހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ވަޒީރަކު މަޤާމުން އިސްތިއުފާ ދެއްވާ ފުރަތަމަ ފަހަރުއެވެ.