ޚަބަރު

މަރީ ބުދަ ދުވަހު ކޮމިޓީއަށް ހާޒިރުކުރަނީ!


ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ސަރުކާރުގެ ހަފްލާއެއް ހުށަހަޅުއްވި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބުދަދުވަހު ހާޒިރު ކުރުމަށް ނިންމައިފިއެވެ.

ޓޫރިޒަމްގެ ބޭނުމަށް ދޫކުރާނެ އާ ރަށްތައް އިއުލާނު ކުރަން ދަރުބާރުގޭގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި "ބުރަބި" ހަފްލާ ހުށައަޅުއްވުމުން މަރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ބްރޯޑްކޮމްގެ ރައީސްގެ މަގާމަށް އައްޔަންކުރިތާ މާ ގިނަ ދުވަހެއް ނުވެ، ސަރުކާރުގެ ހަފުލާއެއް ހުށައަޅުއްވަން އޭނާ ހުންނެވުމުން ބައެއް ފަރާތްތަކުން ވިދާޅުވީ ކޮމިޝަންގެ ހިނގަމުންދަނީ ސަރުކާރުން ބޭނުންވާގޮތަކަށް ކަމަށެވެ.

މިޖަލްސާ ހުށަހެޅުއްވި މައްސަލާގައި މަރިޔަމް ވަހީދާ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓީން ނިންމާފައިވަނީ މިދިޔަ ހަފްތާގައި ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައެވެ. ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ މިފެށޭ ހަފްތާގެ ބުދަ ދުވަހު ކޮމިޓީއަށް ހާޒިރުވުމަށް މަރިޔަމް ވަހީދާއަށް މިހާރު އަންގާފައިވާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކުރު ޖަލްސާއެއް ހުށަހެޅި މައްސަލާގައި މަރިޔަމް ވަހީދާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމުމާއި ގުޅިގެން ޓުވަރިޒަމް ނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ މިނިސްޓްރީގެ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫން ކަމަށާއި ސިޔާސީ ކަންތަކުގައި އުޅޭ މީހުންނާއި މަރީއާ އަޅާ ކިޔުމުން ދެރަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެކަމާމެދު ގޮތެއް ނިންމަންދެން އެ މިނިސްޓްރީގެ އެއްވެސް ހަފްލާއެއް އެއްވެސް މުއައްސަސާއެއްގެ ބޭފުޅަކަށް ހުށަހެޅުމުގެ ހުއްދަ ނުދެއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަން ރައީސް މަރިޔަމް ވަހީދާ ވަނީ މީޑިއާގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. ބްރޯޑްކޮމްގެ މެމްބަރުކަމަށް މަރިޔަމް ވަހީދާ އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު. މަރިޔަމް ވަހީދާ އެ މަގާމަށް އައްޔަނުކުރެއްވީ ޝަހީބު ހުންނެވި މަގާމު ހުސްވުމާއި ގުޅިގެންނެވެ.