ޚަބަރު

މިނިސްޓަރ ޒަހާ މާދަމާ މަޖިލީހަށް ހާޒިރުކުރަނީ!


ހޯޑެއްދޫން މަސް ފެކްޓްރީއެއް ހެދުމަށް ބިމެއް ދޫކުރިތާ 14 އަހަރު ވެފައިވާއިރުވެސް އަމަލީގޮތުން އެއްވެސް މަސައްކަތެއް ފެށިފައިނުވާ މައްސަލައިގަ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދާއި ސުވާލުކުރެއްވުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ ޒަހާ ހާޒިރުކުރަނީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ގދ. ހޯނޑެއްދޫގައި މަސް ފެކްޓްރީއެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒްއަށް، ފިޝަރީޒް މިނިސްޓްރީން ބިމެއް ދޫކޮށްފައިވާތާ 14 އަހަރުވެފައިވާއިރު، މަސްފެކްޓްރީގެ މަސައްކަތް ނިންމުމަށް އެއްވެސް މުހުލަތެއް އެއްވެސް އިރެއްގައިދީފައިވާނަމަ އެކަމުގެ ތަފްސީލް ހޯދުމަށެވެ. އަދި ހޮރައިޒަން ފިޝަރީޒްއާއި ދެމެދުވެފައިވާ އެއްބަސްވުމާ އެއްވެސް ފަރާތަކުން ޚިލާފުވެފައިވާނަމަ އެކަމުގެ ތަފްސީލު ދެއްވުމަށްވެސް މެމްބަރުވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ހަމަޖެހިފައިވާ ގޮތުން މި ސުވާލަށްފަހު މެމްބަރުންނަށް ސުވާލުކުރުމަށް 20 މިނިޓްގެ ފުރުސަތެއް ދޭނެއެވެ. މިއީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުނުފަހުން ވަޒީރަކު މަޖިލީހަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.

މާދަމާގެ ޖަލްސާގައި މިނިސްޓަރާއި ސުވާލުކުރުމުގެ އިތުރުން ގިނަ ބިލްތަކަކަށް ބަހުސްކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާގުޅޭ ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓު ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.