ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ކުރިއަށްގެންދާ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މިއަހަރު އޮޑިޝަންތައް މިމަހުގެ 20 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.
މިއަހަރުގެ މުބާރާތުގެ އޮޑިޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން ރާއްޖޭގެ 3 ސަރަހައްދެއްގައެވެ. އެއީ ފ.ނިލަންދޫއާއި ފުވައްމުލައް ސިޓީ އާއި ހދ.ކުޅުދުއްފުށީގައެވެ. މާލޭގައި އޮޑިޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހަށެވެ. މިމަހުގެ 27 އިން 29 އަށް ވެސް މާލޭގެ އޮޑިޝަން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކާ ޚިލާފަށް މާލޭގެ އޮޑިޝަންގައިކިޔަވަން ބޭނުންވާ ދަރިވަރުންނަށް މިފަހަރު ކިޔު ނަމްބަރެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކިޔު ނަމްބަރުތައް މިމަހުގެ 16 އިން ފެށިގެން 19 އަށް އަދި 23 ފެށިގެން 26 އަށް ކޮންމެ ދުވަހަކު ދޭކުން ފަހެއް ޖަހަންދެން ދޫކުރާނެއެވެ.
ފ. ނިލަންދޫގެ އޮޑިޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 5 އަދި 6 ގައެވެ. ފުވައްމުލައް ސިޓީގައި އޮޑިޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާރޗް 12 އަދި 13 ގައެވެ. ހދ.ކުޅުދުއްފުށީގައި މާރޗް މަހުގެ 19 އަދި 20 ގައި އޮޑިޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތުއްތުކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސުވައި އެކުދިން ޤުރުއާނަށް އަހުލުވެރި ކުރުމުގެ މަޤްސަދުގައި ޕީއެސްއެމުން ކުރިއަށްގެންދާ މި މުބާރާތް މިއަހަރު އަމާޒުކޮށްފައިވަނީ ފަސް އަހަރާއި ބާރަ އަހަރާ ދެމެދުގެ ކުދިންނަށެވެ. މިއަހަރުގެ މުބާރާތުގެ މުޤައްރަރަކީ ސޫރަތުލް އައުލާއިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށެވެ.
ކޮންމެ ޢުމުރުފުރައެއްގައިވެސް ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލައި ކިޔެވުމުގެ ގޮފި ހިމެނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމެއް ހުށަހަޅަން ނުޖެހޭއިރު ކޮންމެ ޢުމުރުފުރާއަކަށް ވެސް ކަނޑައެޅިފައިވާ ދުވަސްތަކުގެ ކަނޑައެޅިފައިވާ ގަޑިތަކުގައި އައިޑީކާޑު ހިފައިގެން ދިއުމުން އޮޑިޝަނުން ފުރުޞަތުދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މި މުބާރާތުގެ ފައިނަލްބުރުގައި ކިޔެވުމުގެ ފުރުޞަތު ލިބޭނީ އޮޑިޝަނުން ހޮވޭ ބައިވެރިންނަށެވެ.
މި މުބާރާތުގައި މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ބައިން އެއްވަނައަށް 10000 އަދި ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ އަށްހޮވޭ ކުއްޖަކަށް 7000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ލިބޭނެއެވެ. މީގެ އިތުރުންވެސް މުބާރާތުގެ އެކި ވަނަތަކަށް ދާ ކުދިންނަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ވަނީ ހުށައަޅާފައެވެ.
މުބާރާތުގެ ރެކޯޑިން ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާންމަހުގެ ތެރޭގައެވެ.