ޚަބަރު

ސީސީއެސްސީގެ މައްސަލާގައި ވަޒީރުން ކޮމިޓީއަށް ޙާޒިރުކޮށް މަޝްވަރާކޮށްފި


މިނިސްޓްރީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ސިވިލްސާވިސް ކޮމިޝަންގެ އެއްބާރުލުން ލިބެމުންދާ މިންވަރާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭކޮމިޓީން ވަޒީރުންނާއި ބައްދަލުކަރައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީތައް ހިންގުމުގައި ސިވިލްސާވިސް ކޮމިޝަންގެ އެއްބާރުލުމުން ނުލިބޭކަންކަން ވަނީ ވަޒީރުން ފާހަގަކޮށްފައެވެ.

ކެބިނެޓްގެ ގިނަ ވަޒީރުންތަކެއް ބައިވެރިވި މިބައްދަވުމުގައި މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީގެ މެމްބަރުންވަނީ ސިވިލްސާވިސް ކޮމިޝަން ތެރެއިން މިނިސްޓްރީ ހިންގުމަށް ދިމާވާ ދަތިތައް ސާފުކުރައްވާފައެވެ. އަދި މިނިސްޓްރީތަކުން އެދޭ ވަޒީފާތަކާއި ޕާމަނަންޓް ސެކެރެޓަރީން އައްޔަން ކުރުމުގައި ދިމާވާ މަމްއަސަތަކުގެ ސަބަބުން މިނިސްޓްރީތައް ހިންގުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް މިބައްލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ޤާނޫނު އަސާސީގެ ދަށުން ލިބޭ އެތައް ޙައްޤެއް ހަނިވާގޮތަށް ސިވިލްސަރވިސް ކޮމިޝަނުން ފާއިތުވެދިޔަ ދުވަސްތަކުގައި ނިންމާފައިވާ ނިންމުންތަކުގައި ޝާމިލުވާ 4 މެމްބަރުންނާއި މެދު އަޅާނެ ފިޔަވަޅެއް މި ހަފްތާގެ ތެރޭގައި ނިންމުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ. މިހަތަރު މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހިމް ޝަހީގެވެ.

މިބޭފުޅުންނާއި ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލާފައިވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލްސާވިސް މުވައްޒިފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލައާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނޫފޫޒު ބޭނުންކުރުމާއި، ކޮމިޝަންގެ ބައެއް މަޤާމުތަކަށް މުވައްޒިފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަލަތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.