ޚަބަރު

ޖެންޑަރ މިނިސްޓަރަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުއްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް އައްޔަން ކުރައްވާފައިވާ ޢާއިޝަތު މުޙައްމަދުދީދީއަށް ރުހުންދިނުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފްޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ، ޢާއިޝަތު މުޙައްމަދުދީދީއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލަ ފޮނުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

ޤާނޫނު އަސާސީގެ 129 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔޔާ އައްޔަންކުރާ މީހުންގެ ނަންތައް އެމީހުން ޢައްޔަންކުރާ ދުވަހުންފެށިގެން ހަތް ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ފޮނުއްވަންޖެހޭނެކަމަށެވެ.

ޖެންޑަރ މިނިސްޓަރުގެ މަޤާމަށް އާއިޝަތު މުހައްމަދުދީދީ އައްޔަންކުރައްވާފައި ވަނީ އެމަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް މިމަހުގެ 6 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާއިގުޅިގެންނެވެ. އައިޝަތު މުހައްމަދު ދީދީ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު. އޭނާ މިމަޤާމަށް އައްޔަންކުރެއްވިއިރު އަދާކުރައްވަމުންދިޔައީ ދިވެހިރާއްޖެއިން އިންދިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.