ޚަބަރު

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާގުޅޭ ރިޕޯޓް : ފުލުހުންނާއި ކޯޓުތަކުންވަނީ އިހުމާލުވެފައި


ފާއިތުވެދިޔަ 15 އަހަރުދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ބެލުމުގައި ފުލުހުންނާއި ޝަރުޢީ ކޯޓުތަކުން ބޮޑެތި އިހުމާލުވެފައިވާކަމަށް، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ "ޕާލަމެންޓްރީ އިންކުއަރީ" ރިޕޯޓުން ހާމަވެއްޖެއެވެ. މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް 74 މެމްބަރުންގެ ވޯޓާއެކު މިރިޕޯޓުވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީން އެކުލަވާލި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ޕާލަމެންޓްރީ އިންކްއެރީ ރިޕޯޓްގައި ވަނީ ފާއިތުވެދިޔަ 15 އަހަރުދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް ހުށަހެޅި އެމައްސަލަތައް ބެލުމުގައި ޢަމަލުކޮށްފައިވާގޮތް ހާމަކޮށްފައެވެ.

މި ވޭތުވެދިޔަ 15 އަހަރުދުވަހުގެ ތެރޭގައި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ގާތްގަނޑަކަށް 3135 މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވެއެވެ. މިމައްސަލަތަކުގެ ތެރެއިން، އެ ސަރވިސްއިން ތަޙްޤީޤުކުރުމަށްފަހު ދަޢުވާކުރުމަށްޓަކައި ގާތްގަނޑަކަށް 1347 މައްސަލައެއް އެޓަރނީ ޖެނެރަލްގެ އޮފީހަށާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެޓަރނީ ޖެނެރަލްގެ އޮފީހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބެލި މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 558 މައްސަލައެއް އެ ދެމުއައްސަސާއިން އަނބުރައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވެއެވެ. ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ދަޢުވާކުރުމަށް ނުފޮނުވާ ގާތްގަނޑަކަށް 1788 މައްސަލައެއް ފައިލްކޮށްފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ވޭތުވެދިޔަ 15 އަހަރުދުވަހުގެ ތެރޭގައި ކޯޓުތަކުގައި ދަޢުވާކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް 1085 މައްސަލައެއްގެ ޝަރީޢަތް ކޯޓުތަކުންވަނީ ނިންމާފައެވެ. އެގޮތުން ޝަރީޢަތް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން، މައްސަލައިގެ ދަޢުވާލިބޭ ގާތްގަނޑަކަށް 391 ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، ދަޢުވާލިބޭ ގާތްގަނޑަކަށް 492 ފަރާތެއްގެ މައްޗަށް ކުށް ސާބިތުވެފައިނުވެއެވެ. މީގެ އިތުރުން ގާތްގަނޑަކަށް 27 މައްސަލައެއް ކޯޓުން ބާޠިލުކޮށްފައިވެއެވެ.

ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓްގައި މުވައްސަސާތަކަށް ހުށަހެޅޭ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާއިތުވެދިޔަ 15 އަހަރުދުވަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި 2200އަށްވުރެ ގިނަ މައްސަލަތަކުގައި ތަޙްޤީޤު ނިންމުމަށް 1 އަހަރަށްވުރެގެ ގިނަ ދުވަސް ހޭދަކޮށްފައިވެއެވެ. އަދި މިމައްސަލަތަކުގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)އިން ދަޢުވާ ކޮށްދިނުމަށް އެދި ހުށަހެޅުނު މައްސަލަތައް ކޯޓްތަކަށް ފޮނުވަންވެސް 1 އަހަރަށްވުރެ ގިނަ މުއްދަތެއް ވަނީ ހޭދަވެފައެވެ. އަދި މީގެ ތެރެއިން 1 މައްސަލަ ދައުވާކުރުމަށް ފޮނުވަން 8 އަހަރަށްވުރެ ދިގު މުއްްދަތެއް ހޭދަވެފައިވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ޝަރީއަތައް ހުށަހެޅޭ މައްސަލަތައް ބެލުމުގައިވެސް ގިނަ ދުވަސްތަކެއް ހޭދަވެފައިވާކަން ރިޕޯޓުން ފާހަގަވެއެވެ. އެގޮތުން ގިނަ މައްސަލަތައް ނިންމުމުގައި 1 އަހަރަށްވުރެ ގިނަދުވަސް ހޭދަވެފައިވާއިރު އޭރު ހުށަހެޅި ބައެއް މައްސަލަތައް މިހާރުވެސް ކޯޓްތަކުގައި ހިނގަމުންދާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މަޖިލީހުގެ ޖެންޑާ ކޮމިޓީން އެކުލަވާލި ރިޕޯޓުން ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ މައްސަލަތައް ބެލުމުގައި ކަމާބެހޭ ފަރާތްތަކުން ވެފައިވާ އިހުމާލުވުން ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ.

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ގުޅިގެން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އަވަސްކުރުމުގެ ނިޒާމެއް ޤާއިމު ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް "ބްލޮކް ޓްރައިލްސް" ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޤާއިމުކުރުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.