ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހު ހެންވޭރުގައި ހިނގި ބޮޑު އަލިފާނުގެ ޙާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުގެ ތެރެއިން ވަގުތީ ހިޔާތަކުގައި ތިބި ޢާއިލާތަކަށް ސަރުކަރުން ދެމުންގެންދާ އިނާޔަތްތައް ކަނޑާލާފައި ނުވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ގާކޮށީގައި މިހާރު ތިބި 7 އާއިލާއަށް ސަރުކާރުން ދެމުންދިޔަ ބައެއް އިނާޔަތްތައް ކަނޑާލާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް އެންޑީއެމްއޭއިން ވިދާޅުވީ، ވަގުތީ ގޮތުން ގާކޮށީ ފްލެޓްތަކަށް ބަދަލުކުރި އާއިލާތަކަށް ސަރުކާރުން ދެމުންދާ އެހީތައް އަދިވެސް ދެމުން ގެންސާ ކަމަށެވެ.
އަދި އެ އާއިލާތަކުގެ ތެރެއިން ގެދޮރު މާރާމާތުކޮށްގެން ވަކި މުއްދަތެއްގެ ތެރޭ އަލުން ދިރިއުޅެން ފެށޭނެކަމަށް ލަފާކޮށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާ އާއިލާތައްކަށްވެސް ވަގުތީ ހިޔާގެ ގޮތުގައި ދިރިއުޅެން ދޫކުރި ތަންތަނުން ނުކުތުމަށް އަންގާފައި ނުވާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި މަރާމާތު ކޮށްގެން ގެއަށް ބަދަލުވުމުގެ މުއްދަތާއި ހަމަޔަށް ކެއިން ބުއިމަށް ދޭ ޚަރަދާއި ޒަރޫރީ ބޭނުންތަކަށް ދޭ އެހީވެސް ދޭނެ ކަމަށް އެއޮތޯރިޓީން ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ފައިސާއިން އާއިލާތައް އާއްމު ދިރިއުޅުމަށް ރޫޖޫއުވުމަށް ވަނީ އަންގާފައެވެ. ގާކޮށީގައި މިހާރު ތިބި އާއިލާތަކުގެ ތެރެއިން އާއްމު ދިރިއުޅުމަށް ބަދަލުވުމަށްޓަކައި މިހާރު ބައެއް ޢާއިލާތަކުން ގެތައް މަރާމާތު ކުރަން ފާށާފައިވާކަންވެސް އެންޑީއެމްއޭއިން ފާހަގަކުރައްވައެވެ.
7ގެއަކާއި 4ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ޙާދިސާއަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި މިފަދަ އެންމެ ބޮޑު އަލިފާނުގެ ޙާދިސާއެވެ. މި ޙާދިސާހައި އެކި ވަރުގެ ގެއްލުންވެގެން 800އަށްވުރެ ގިނަ މީހުން އެހީ ހޯދާފައިވެއެވެ. 38އަށްވުރެ ގިނަ އާއިލާ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރިއެވެ. މީގެތެރެއިން 24 އާއިލާއަކީ އަލިފާނުގެ ޙާދިސާގެ އަސަރުކުރި ގެތަކުގައި ކުއްޔަށް ދިރިއުޅެމުންއައި ޢާއިލާތަކެވެ.
މި ޙާދިސާގައި ސަރުކާރުންވަނީ 20 ގެއެއްގެ 115 އާއިލާއަށް އެހީދީފައެވެ. މި ގެތަކުގައި ހިފައި ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމަށް ސަރުކާރުންދެނީ %20 އަށްވާ މާލީ އެހީއެވެ. އަދި ރިލީފް ފަންޑަށް ލިބުނު ފައިސާގެ %68 އާއިއެކު، ކޮންމެ ގެއަކުންވެސް ހިފާ ގެއްންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ %88 މިހާރުވަނީ ކަވަރވެފައެވެ. ރިލީފް ފަންޑުން އިމާރާތަށް ލިބުނު ގެއްލުމަށް އެހީ ދީފައިވަނީ ގެއްލުމުގެ ބޮޑު ކުޑަ މިނަށް ބަލައިގެންނެވެ.