ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރުކުރުމަށް ފަރުކޮޅު ފުށީގައި އެކަހެރިކޮށްފައި ތިބި 2 ދިވެހިންގެ ކަރަންޓީންގެ މުއްދަތު މިއަދު ހަމަވާނެކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވަނީ ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ރާއްޖެއަށް ކަނޑާއި ވައިގެ މަގުން އެތެރެވާ މީހުން ސްކްރީންކުރުން ހަރުދަނާކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއަށް އެތެރެވި ފަސްދޮޅަސް ހާހެއްހާ މީހުން ސްކްރީންކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް އެ ވައިރަހުގެ އަލާމާތްތައް ހުރިތޯ ބެލުމަށް 20 މީހަކާއި ސުވާލުކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ޤައިމްކުރި ހޮޓްލައިންނަށް އަންނަ ކޯލްތައްވެސް މަދުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޮރޯނާ ވައިރަހުގެ އަސަރު ނެތްކަން ކަށަވަރު ކުރުމަށް ފަރުކޮޅު ފުށީގައި މިހާތަނަށް 3 ދިވެހިން ވަނީ އެކަހެރިކޮށްފައެވެ.
"ޕީކަށް ދިޔައިރު ހަތް ސަތޭކަ. އެއަށްފަހު 180، ދެން 40،30 ކޯލް. މިހާރު 15 ވަރަކަށް ފަރާތް މައުލޫމާތު ސާފުކުރަން ގުޅަނީ "މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް ނައިންޓީން އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޗައިނާގެ މެއިންލޭންޑަށް ދަތުރުކޮށްފައިވާކަމުގެ ރިކޯޑެއް ނުވަތަ ޗައިނާގައި ޓްރާންސިޓްކޮށްފައި އަންނަ މީހުންނަށްވެސް ރާއްޖެ ނުވަދެވޭނެ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ދިވެހިން ވަނީ އިސްތިސްނާކޮށްފައެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ޓްރެވެލް އެޑްވައިޒަރީގައިވާ މިންގަނޑުތަކުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 27 ބިދޭސީއަކު ރާއްޖެ އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވެސް ވެއެވެ.