ޚަބަރު

މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑު އަލުން އެކުލަވާލާ ނަން ބަދަލުކުރައްވައިފި


މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ހިންގުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑު"ގެ ނަން "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" އަށް ބަދަލުކުރައްވައި، އެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ބެލެހެއްޓެވުމަށް އުފައްދަވާފައިވާ މާލެ ހޮސްޕިޓަލްސް ގަވަރނިންގ ބޯޑުގެ ނަން މާލެ ހޮސްޕިޓަލްސް ބޯޑު އޮފް ޓްރަސްޓީސްއަށް ބަދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެ ބޯޑު އަލުން އެކުލަވާލައްވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

ބޯޑުގެ ޗެއާމަނަކަށް އައްޔަން ކުރައްވާފައިވަނީ ޑރ ޢަބްދުލްޢަޒީޒު ޔޫސުފްއެވެ. އަދި، މި ބޯޑުގެ ވައިސް ޗެއަރމަންގެ މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ނ.ޢ.ޢ.ވ. އަނީސާ އަޙްމަދެވެ.

9 ބޭފުޅުންގެ މައްޗަށް އެކުލެވޭ މިބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ޑރ ފަރުޒާނާ ފިރުދައުސް އާއި، ޑރ ޢަބްދުލްޢަޒީޒު ޔޫސުފް، ޑރ އިސްމާޢީލް ޝަފީޢު، ޙާމިދު ޞާދިޤު، ޢަބްދުލް މާޖިދު، ޢާޠިފާ އިބްރާހީމް، އިބްރާހީމް ސަލީމް އަދި މާރިޔާ ސަޢީދުއެވެ.