ޚަބަރު

ލައިސަންސް ބޭނުން ނުކުރާ 18 ފަރާތެއްގެ މައްސަލަ ކޯޓަށް


ބްރޯޑްކާސްޓްކުރުމަށްޓަކައި މިހާތަނަށް ލައިސަސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލައިސަންސްގެ ބޭނުން ނުކުރާ 18 ފަރާތެއްގެ މައްސަލަ ކޯޓަށް ވެއްދުމުގެ މައްސައްކަތް ކުރަމުންދާ ކަމުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ބްރޯޑްކާސްޓްކުރަން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން ލައިސަންސްގެ ބޭނުންނުކޮށް ހިފަހައްޓައިގެން ތިބޭ މައްސަލައަށް، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބް ރައީސް އަޙްމަދު ގައިސް ވިދާޅުވީ ލައިސަސް ދޫކުރުމުގައި ކޮމިޝަނުން އަމަލުކުރަމުންދާ ގަވާއިދުގައި މައްސަލަތަކެއް ހުރިކަމަށެވެ.

ބްރޯޑްކާސްޓްކުރަން ލައިސަންސް ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުން ބޭނުންވާ ވަކި މުއްދަތެއްގައި ހުޅުވާލާ ގޮތަށް އޮތުމުން، އެކަމުގެ ޝައުގުވެރިކަން ނެތް ފަރާތްތަކުވެސް ލައިސަސްގަނެ ބޭނުން ނުކޮށް ހުރިކަން މިހާތަނަށް ބެލިބެލުމުން އެގިފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ބްލެކްމާކެޓެއް އުފެދި ލައިސަންސް ބޮޑުއަގުގައި ވިއްކަމުންދާކަމީ ކޮމިޝަނުން ކަންބޮޑުވާކަމެއްކަމަށް ގައިސް ވިދާޅުވިއެވެ.

"ހަގީގަތުގައި ކޮމިޝަނުން މިހާރު އަމަލުކުރަމުންދާ ގަވާއިދުގައި އެބަހުރި މައްސަލަތަކެއް. މިހާރު މިއޮންނަނީ ކޮމިޝަނުން ބޭނުންވާ މުއްދަތެއްގައި ހުޅުވާލާ ލައިސަންސް ދޫކުރުން. އޭގައި ނުބަލާ ލައިސަންސް ނަގަނީ އެކަން ކުރެވޭ ފަރާތެއްތޯވެސް. އަޅުގަނޑުމެން ބޭނުންވަނީ މިގޮތް ބަދަލުކުރަން. އަޅުގަނޑުމެން ބޭނުންނުވޭ ލައިސަންސަކީ މިހާ އުދަގުލުން ލިބޭ އެއްޗަކަށްވާން. އެކަމަކު ލައިސަންސް ދޫކުރެވޭނީ އެކަން ކުރެވޭނެ ބަޔަކަށް." ގައިސް ވިދާޅުވި.

ބްރޯޑްކާސްޓްކުރަން ލައިސަންސް ދޫކުރުމުގައި ކޮމިޝަނުން މިހާރު އަމަލުކުރަމުންދާ ގަވާއިދު ބަދަލުކުރުމާއިމެދު ކޮމިޝަންގައި މަޝްވަރާ ކުރެވެމުންދާކަމަށް ކޮމިޝަންގެ ނައިބް ރައީސް ވިދާޅުވިއެވެ. ބްރޯޑްކާސްޓްކުރުމަށް މިހާތަނަށް ދޫކުރެވުނު ލައިސަންތަކުގެ ތެރެއިން ކަނޑައެޅިފައިވާ މުއްދަތު ހަމަވެގެން ގޮސްފައިވާއިރުވެސް ލައިސަންސްގެ ބޭނުން ނުކޮށް ތިބުމަކީ ކަންބޮޑުވާކަމެއްކަމަށް ގައިސް ވިދާޅުވިއެވެ. އަދި މިފަދަ ފަރާތްތަކުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރުމަށް މިހާރުވެސް ވާހަކަ ދެކެވެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ބްރޯޑްކާސްޓްކުރަމުންދާ 42 ފަރާތަކަށް ލައިސަސް ދޫކުރެވިފައިވޭ. އޭގެ ތެރޭގައި ހިމެނެނީ ޓީވީ ޗެނަލް ހިންގުމަށް ދޫކޮށްފައިވާ 30 ލައިސަންސާއި، ރޭޑިއޯ ޗެނަލް ހިންގުމަށް ދޫކޮށްފައިވާ 12 ލައިސަންސެވެ.