ޚަބަރު

މަތީ ތަޢުލީމަށް 550، ލޯނު ފުރުޞަތު


ސްޓޫޑެންޓް ލޯން ދޭ އުޞޫލަށް ބަދަލުގެނެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ފުރަތަމަ ބުރުގައި ވަނީ 550 ލޯނު ދޫކުރަން ކަނޑައަޅާފައެވެ. ލޯނަށް އެދުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މާރޗްމަހުގެ 9ވަނަ ދުވަހެވެ. އަދި ލޯނު ލިބުނު ފަރާތްތައް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ.

ލޯނުގެ ފުރުޞަތުތައް ހުޅުވާލައި އެކަން އިޢުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއަހރު ލޯންގެ ފުރުޞަތު ހުޅުވާލާފައިވަނީ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އިސްކަންދީގެންނާއި ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް އެ ފުރުޞަތުތައް ފަސޭހައިން ލިބޭނެ ގޮތަކަށްކަމަށެވެ. މިގޮތުން މާލީ ތަންވަސްކަން ނެތް ފަރާތްތައް ބެލުމުގައި އެމިނިސްޓްރީން ބަލަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށެވެ. އަދި މަޖިލީހުގައި ހިމެނޭ 87 ދާއިރާއިން ކޮންމެ ދާއިރާއަކުންވެސް ޝަރުތު ހަމަވާ ކޮންމެވެސް އެއްދަރިވަރަކަށް ލޯންގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއހަރު 550 ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު 151 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

މިއަރު ލޯނުގެ ފުރުޞަތުތައް ބެހިފައިވާގޮތް

  • ޑިޕްލޮމާއަށް ކިޔެވުމަށް 45 ފުރުޞަތު
  • އެކި ދާއިރާތަކުގެ ލައިސެންސް ޕްރޮގްރާމްތަކަށް 30 ފުރުޞަތު
  • ޑިގްރީ ފެންވަރަށް ކިޔެވުމަށް 252 ފުރުޞަތު
  • މާސްޓާސްއަށް ކިޔެވުމަށް 126 ފުރުޞަތު
  • ޕީއެޗްޑީއަށް ކިޔެވުމަށް 10 ފުރުޞަތު
  • 87 ދާއިރައިން ހޮވޭ ކޮންމެ ކުއްޖަށް އެ ކުއްޖަކު ބެނުން ދާއިރާއަކުން ބޭނުން ފެންވަރަކަށް ކިޔެވުމުގެ ފުރުޞަތު

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަފުޅުކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މިއަހަރު އެމިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދި ހުށަހަޅާއިރު އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ސަނަދުތައް ހުށައަޅަން ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް ލޯނު ލިބުނުކަމުގެ ލިޔުމާ ޙަވާލުވާން އަންނައިރު އަސްލު ސަނަދާއި އަސްލާ އެއްގޮތްވާ ތަނަގޑު ޖަހާފައިވާ ސަނަދުތައް ގެންނަން ޖެހޭނެކަމަށެވެ.

" މިއަހަރު މި ހުޅުވާލި ފުރުޞަތުގައި ރާއްޖޭގައި ތިބެގެން މާސްޓާރސް ހެދުމުގެ ފުރުޞަތު ލިބޭނެ.މެޑިކަލް ދާއިރައިން ސްޕެޝަލައިޒްޑް ވުމަށްވެސް މި ލޯންގެ ތެރެއިން ފުރުޞަތު ލިބޭނެ.މިގޮތުން ލޯން ނަގާއިގެން މެޑިކަލް ދާއިރާއިން ސްޕެޝަލައިޒްށް ވުމަށް 11 ފުރުޞަތު އޮނާނެ." ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

މިއަހަރު ހުޅުވާލި ލޯނުގެ ފުރުޞަތުގައި ވަނީ ސަރުކާރުގެ އެކި ވުޒާރާތަކަށް މީހުން ބިނާކުރުމަށް ޖާގަތަކެއް ރިޒާވްކޮށްފައެވެ. އޭގެތެރޭގައި އެކިދާއިރާތަކުން އެޑްވާންސް ޑިޕްލޮމާއި ޑިގްރީގެ ކޯސްތައް ހިމެނއެވެ.

މަތީ ތަޢުލީމަށްދޭ ލޯނުގެ އެހީގައި ކޮންމެ ޤައުމަކަށްވެސް ކިޔަވަންދެވެއެވެ. އެހެންނަމަވެސް ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދެނީ ހަޔަރ އެޑިއުކެޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ޤައުމުތަކުންނެވެ. އަދި އެނޫން ޤައުމެއްގައި ކިޔަވާނަމަ އެ ޤައުމަށް ކަނޑައަޅާފައިވާ ރޭޓަކުން ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.