ޚަބަރު

މިނިވަން 50އާ ގުޅޭ 83 މައްސަލައެއް އޭސީސީން ބަލަނީ


ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުމާ ގުޅިގެން ބޭއްވި ޙަރަކާތްތައް ރާވައި ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ އަށްޑިހަ ތިން މައްސަލައެއް ބަލަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވިދަޅުވެއްޖެއެވެ.

އޭސީސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ މިހާރުވެސް ވަރަށްގިނަ ޢަދަދެއްގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށެވެ. އޭސީސީގައި މިހާތަނަށް މައްސަލަތައް ނުބެލި ދިގުލައިގެން ދިއުމުގެ ސަބަބުން މައްސަލަތައް ފުނިޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިނިވަން ފަންސާހުގެ މައްސަލަތަކަށް އިޝާރާތްކުރައްވައި ޝިއުނާ ވިދާޅުވީ މިނިވަން ފަންސާހާ ގުޅޭ އަށްޑިހަ ތިން މައްސަލައެއް އޭސީސީން ތަހުޤީޤުކުރަމުން ދާކަމަށެވެ. މިފަދަ މައްސަލަތަކަކީ ކޮރެޕްޝަނަށް މަގުފަހިވާގޮތަކަށް ހިންގާފައިވާކަމުގެ ތުހުމަތުގައި ހުށަހެޅިފައިވާ މައްސަލަތަކަށްވާއިރު މިކަންކަން ނުބެލި މިހާދުވަސް ވުމަކީ ދެރަކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހެން މިކަން މިގޮތަށް ދިމާވެފައިވަނީ ފާއިތުވެދިޔަ ތަނުގައި އެކޮމިޝަނުން މައްސަލަތައް ބެލުމުގައި ގެންގުޅެގައިވާ ދޯހަޅި ސިޔާސަތުގެ ސަބަބުންކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލަމުން އެބަދަން ވަރަށްގިނަ މައްސަލަތަކެއް. މައްސަލަތައް އަވަހަށް ނިންމައި ރައްޔިތުންނާއި ހަމަޔަށް ރިޕޯޓްތައް ނެރުމަކީ އަޅުގަނޑުމެންގެ އަމާޒު. ކުރީގެ މައްސަލަތަކުގެ ތެރެއިން މިސާލަކަށް ދަންނަވަނީމަ، މިނިވަން 50އާއި ގުޅޭ 83 މައްސަލައިގެ ތަހުޤީޤު މިހާރުވެސް އަޅުގަނޑުމެން މިދަނީ ކުރަމުން." ޝިއުނާ ވިދާޅުވިއެވެ.

އެސީސީން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް މައްސަލަތައް ނިންމައި އެކަންކަމާގުޅޭ ރިޕޯޓްތައް ޢާއްމުކުރުމަށްކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި އެކޮމިޝަންގެ ތާރީޚުގައިވެސް މިހާތަނަށް އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ 2019ވަނަ އަހަރުގައިކަން ޝިއުނާ ފާހަގަކުރައްވިއެވެ.

މައްސަލަތައް ބެލުމުގައި އެއިރެއްގައި ޤައުމުގައި ހިނގާ ކަންކަމުގެ ތެރެއިން އެންމެބޮޑަށް ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދަވާކަމަށް ޝިއުނާ ވިދާޅުވިއެވެ. އަދި ސިޔާސީ އިސްބޭފުޅުންނާ ގުޅޭގޮތުން ޚިޔާނާތައި އެނޫންވެސް މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމެއް ވީހާވެސް އަވަހަކަށް ރައްޔިތުންނާހަމަޔަށް ހާމަކޮށްދެއްވުމަކީ އެކޮމިޝަނުން އިސްކަންދެއްވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.