އާސަންދައިގެ ދަށުން މިދިޔަ އަހަރު ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 7000އަށްވުރެ ގިނަ މީހުން ފޮނުވާފައިވާކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާފައިވަނީ ކެންސަރު ބައްޔަށް ކަމަށެވެ.
އާސަންދަ ކުންފުނިން ވިދާޅުވީ ފާއިތުވި ދެއަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ރާއްޖެއިން ބޭރަށް ފޮނުވިފައިވަނީ ކެންސަރުބަލީގެ ފަރުވާތަކަށް ކަމަށެވެ. ދެން އެންމެ ގިނައިން ރާއްޖެއިން ބޭރަށް މީހުން ފޮނުވިފައިވަނީ ލޮލުގެ ފަރުވާއާއި، ނާރުގެ ބަލިތަކުގެ ފަރުވާއާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާއަށް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.
ފާއިތުވި ދެއަހަރަށް ބަލާއިރު ޖުމުލަ 12963 މީހުން އެކި ބަލިތަކަށް ފަރުވާ ހޯދުމަށް ވަނީ ފޮނުވާފައެވެ. މިގޮތުން 2018ވަނަ އަހަރު 5588މީހުން، އަދި މިދިޔަ އަހަރު 7375 މީހުން ވަނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާފަކަމަށް އާސަންދައިން ވިދާޅުވެއެވެ. އަދި ދުވާލަކަށް ގާތްގަނޑަކަށް 17 މީހުން ރާއްޖެއިން ބޭރުންފަރުވާ ހޯދުމަށް ފުނުވާކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވަނީ ރާއްޖެއިން ލިބެންނެތް ފަރުވާތަކަށެވެ. އަދި އެކަން ކަށަވަރުކޮށްދެނީ ރާއްޖޭގައި އާސަންދައިގެ ޚިދުމަތްދޭ މަރުކަޒުތަކުގައި ތިބޭ އެކަމާއި ގުޅުންހުރި ޑޮކްޓަރުންނެވެ.
ކެންސަރު ބައްޔަށް ރާއްޖެއިން ބޭރުން ގިނަ މީހުން ފަރުވާ ހޯދާއިރު އެ ބަލި ޖެހިފައި ތިބިމީހުން ރާއްޖޭގައި ގިނަކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި އެންމެ އާންމު ކެންސަރަކީ އަނގައިގެ ކެންސަރާއި، އުރަމަތީގެ ކެންސަރު އަދި ތައިރޮއިޑް ކެންސަރެވެ. އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުވެސް ރައްޖޭގައި ދަނީ އިތުރުވަމުންނެވެ.
އާސަންދައިގެ ދަށުން 2018 ވަނަ އަހަރު ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދާފައިވަނީ 1137 މީހުންނެވެ. އަދި 2019 ވަނަ އަހަރު ފަރުވާ ހޯދާފައިވަނީ 1463 މީހުންނެވެ.
އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމަންޓުގެ ތަފާސްހިސާބަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެމަހަކު ކެންސަރު ބަލީގެ 53 މީހުން މުޅިންއަލަށް ރަޖިސްޓްރީކުރެއެވެ.
ނިސްބަތުން ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދައިރު މިބައްޔަށް ފަރުވާ ދިނުމުގެ ކަންކަންވެސް ދަނީ ފުޅާކުރަމުންނެވެ. ކެންސަރަށް ފަރުވާކުރުމަށް ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި ހިމެނޭ %95 އޮޕަރޭޝަން މިހާރު ރާއްޖޭގައި ކުރެވެއެވެ. އޭގެތެރޭގައި އޮޕަރޭޝަނަށްފަހު ހަށިގަނޑުގެ ބައިތައް ގުޅުވާ(ރީކޮންސްޓްރަކްޝަން) އޮޕަރޭޝަންތައްވެސް ހިމެނެއެވެ. އަދި ކެންސަރަށްދޭ ރޭޑިއޭޝަން ފަރުވާ ފިޔަވައި އެހެން ހުރިހާ ފަރުވާއެއް ރާއްޖެއިން މިހާރު ލިބެއެވެ.