ވިޔަފާރި

އެމްޓީސީސީން 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި


އެމްޓީސީސީން 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެކުންފުނިން އަތޮޅުތެރޭގައި ގިނަ އަދަދެއްގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި، މި މަޝްރޫޢުތަކުގައި މަސައްކަތްކުރުމަށް ދިވެހި މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގައި ކޮންމެ ރަށަކުން 13 ވަރަކަށް ވަޒީފާ އުފައްދާނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

" ގާތްގަނޑަކަށް 200 ވަރަކަށް ވަޒީފާއަށް މީހުން އެބަ ބޭނުންވޭ، އޭގެތެރޭގައި ސްކިލްޑް އަދި ނޮން ސްކިލްޑް ސްޓާފުން ބޭނުންވޭ، އަންނަމަހު އެމްޓީސީސީގެ ގިނަ މަޝްރޫއުތަކެއް ފެށުމަށްވަނީ ހަމަޖެހިފައި، މި ކޮންމެ ރަށެއްގައިވެސް ގިނަ އަދަދެއްގެ ވަޒީފާތަކެއް އުފެދިގެންދާނެ" އާދަމް އާޒިމް ވިދާޅުވިއެވެ.

ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު ތަމްރީންތައް ދީގެން މަސައްކަތް ކުރެވޭނެ ބަޔަކަށް ހެދުމަށް އެމްޓީސީސީން ބޭނުންވާ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

ކުރިއަށްއޮތް ތިނެއް ނުވަތަ ހައެއްކަ މަސްތެރޭ އިތުރަށް އަދި 150 ވަޒީފާއަށް އިޢުލާންކުރާނެ ކަމަށާއި މިއާއެކު ޖުމްލަ 350 ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ.

"މިވަގުތު އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ 200 ވަޒީފާ ކަމުގައިވިޔަސް، ކުރިއަށް އޮތް ތިނެއް ނުވަތަ ހަމަސް ދުވަސްތެރޭ އިތުރަށް 150 ވަޒީފާ އަށް އިޢުލާންކުރާނަން، މިއާ އެކު ޖުމްލަ 350 އާ ވަޒީފާ ކުރިއަށް އޮތް ތިނެއް ނޫނީ ހަމަސް ތެރޭ އުފެދިގެންދާނެ،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ މަޝްރޫޢުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫޢުތަކާއި، ބިން ހިއްކުމުގެ މަޝްރޫޢުތައް ހިމެނެއެވެ.