އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާދެމުން ދިޔަ މީހަކު ކޯވިޑް-19 އަށް ޓެސްޓް ކުރިނަމަވެސް އޭނާ އެބައްޔަށް ނެގެޓިވް ވެފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިއީ ކޯވިޑް-19 އަށް ރާއްޖޭގައި ކުރެވުނު ފުރަތަމަ ޓެސްޓެވެ. ކޯވިޑް 19 ރައްޖެއަށް އައުމުގެ ފުރުސަތު ކުޑަ ކުރުމަށާއި މިބަލި ރާއްޖެއިން ފެނިއްޖެނަމަ ފެތުރުން ކޮންޓްރޯލް ކޮށް ބެލެހެއްޓުމަށްޓަކައި ތަފާތު ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ. އަދި ދުނިޔޭގައި މިބަލީގެ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ރިއާޔަތްކޮށް އިތުރު ފިޔަވަޅުތައްވެސް ދަނީ އަޅަމުންނެވެ.
މިބަލި ރާއްޖޭގައި އުޅޭތޯ ދެނެގަތުމަށް، ބަލި އުޅޭ ޤައުމަކަށް ދަތުރުކޮށްފައި ނުވި ނަމަވެސް ނިއުމޯނިއާ ނުވަތަ އަރިދަފުސް ރޯގާޖެހި ސީރިއަސް ހާލަތަކަށްދާ ބައެއް ފަރާތްތައް ރާއްޖޭގައި ޓެސްޓުކުރުމަށް މިހާރު ފަށާފައިވާކަމަށް ހެލްތް މިނިސްޓްރން ވިދާޅުވެއެވެ. އަދި އައި.ޖީ.އެމް.އެޗްގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.
އައިޖީއެމް ހޮސްޕިޓަލްގައި ނިއުމޯނިއާއަށް ފަރުވާދެމުން އަންނަ ބަލި މީހަކު މިއަދު ކޯވިޑް 19 ޓެސްޓްކޮށްފައިވާކަމަށްވެސް ހެލެތް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި މީހާ މިބައްޔަށް ނެގެޓިވް ވެފައިވާކަންވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ޝައްކުކުރެވޭ އެއްވެސް ފަރާތެއް އަދި މިބަލިހުރި އެއްވެސް ފަރާތެއްނެތްކަމަށެވެ. ކޯވިޑް-19ގެ ހާލަތު ސަރުކާރުން ދަނީ ވަރަށް ގާތުން މޮނިޓަރކޮށް ބަލަމުންނެވެ. އަދި ރާއްޖެއަށް މިބަލި ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެ ކަމަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަށޭނަ ތައްޔާރީތައް މިހާރު ދަނީ އަޅަމުންނެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ ކޯވިޑް 19 ރާއްޖެއަށް ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެކަމަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ ތައްޔާރީތައް ވަމުންދާކަމަށެވެ. އަދި މި ބަލި ރާޢްޖެއިން ފެނިއްޖެނަމަ އެކަމާއި އެންމެހާ މައުލޫމާތުތައް ހާމަކުރަމުން ގެންދާނެކަމަށްވެސް ހެލްތް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ދުނިޔޭގައި މިބަލި ފެތުރެމުންދާ މި ހާލަތުގައި، ބަލިން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކާ އެއްގޮތަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި ބައްޔާބެހޭ މައުލޫމާތު އޮޅުންފިލުވަމުން ގެންދިއުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.