ވިޔަފާރި

ސީއައިއެސް ޤައުމުތަކުގެ ޓުއަރ އޮޕަރޭޓަރުންނަށް ޚާއްޞަ އީ.ލާރނިންގ ޕްލެޓްފޯރމެއް ތަޢާރަފްކޮށްފި


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ރަޝިޔާ އާއި ކޮމަންވެލްތު އޮފް އިންޑިޕެންޑަންޓް ސްޓޭޓްސް، ސީއައިއެސް ޤައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް ހާއްސަކޮށް އީ.ލާރނިންގ ޕްލެޓްފޯރމެއް ތަޢާރަފްކޮށްފިއެވެ. ޕްރޮފީ ޓްރެވަލްއާއި ގުޅިގެން ކުރިޔަށް ގެންދެވޭ މި ކެމްޕެއިންގެ ދަށުން 2000 ޓުއާ އޮޕަރޭޓަރުންނަށް 4 މަސްދުވަހުގެ މުއްދަތުގެ ތެރޭގައި ތަމްރީން ކުރާނެކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

އެމްއެމްޕީއާރުސީއިން ބުނީ މިޕްލެޓްފޯމްގެ މަޤްސަދަކީ ރަޝިޔާ އާއި ސީއައިއެސް ޤައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގެ ރިޒޯޓު، ގެސްޓްހައުސް އާއި ލިވަބޯޑުތަކާއި ގުޅެ މައުލޫމަތު ހިއްސާކުރުމުގެ އިތުރުން ފަތުރުވެރިންގެ މެދުގައި މަޤްބޫލު ގުދުރަތީ ރީތި ތަންތަނާއި އާސާރީ ތަންތަނުގެ އިތުރުން ދިވެހި ސަޤާފަތާ ބެހޭ މައުލޫމަތު ހިއްސާކުރުން ކަމަށެވެ. އެގޮތުން މި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް، ރާއްޖޭގެ ގިނަ ފަތުރުވެރިން ގެނައުމަކީވެސް މި ކެމްޕެއިންގެ މަޤްސަދެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިޕްލެޓްފޯމްގެ ތަމްރީންތަކުގައި ބައިވެރިވެ، މުޅި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ތަމްރީންގައި ބައިވެރިވާ ޓުއާ އޮޕަރޭޓަރުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭ ފަރާތްތަކަށް އިނާމް ދިނުމަށްވެސް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ޕްރޮފީ ޓްރެވެލްއަކީ ރަޝިޔާއަށް ނިސްބަތްވާ ބިސްނަސް ޓު ބިސްނަސް، ނުވަތަ ބީޓުބީ ކެމްޕޭން ހިންގުމުގައި ވިހި އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެއް. އެމްއެމްޕީއާރުސީން ބުނީ މިކުންފުނިން ރަޝިޔާ އާއި ސީ.އައި.އެސް ޤައުމު ތަކުގެ ޓްރެވަލް ޓްރޭޑް ކުންފުނިތަކުގެ ވިޔަފާރި ކުރިއެރުވުމަށް ތަފާތު ހަރަކާތްތައް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާނެކަމަށެވެ. މިގޮތުން މާރކެޓް ދިރާސާކުރުމާއި އޮންލައިން ފެއަރތައް އިންތިޒާމްކުރުމާއި އެކު ޤައުމުތަކުގެ ފަތުރުވެރިކަމާޢި ބެހޭ މައުލޫމަތު ހިއްސާކުރާ ވޯކްޝޮޕްތައް ރާވާ ހިންގާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިއަހަރު ތެރޭގައި ރަޝިޔާގެ މާރކެޓްގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ އެމްއެމްޕީއާރުސީން ހަމަޖައްސާފައެވެ. މީގެތެރޭގައި ރަޝިޔާ އާއި ސީއައިއެސް ޤައުމުތަކަށް ހާޢްސަކޮށްގެން ރޯޑް ޝޯވ ބޭއްވުމާއި، އެމްއައިޓީޓީ ފެއަރގައި ބައިވެރިވުމާޢި އައުޓްޑޯ ކެމްޕެއިންތައް ބޭއްވުމުގެ އިތުރުން މީޑިއާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕް ތަކެއްވެސް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި މިއަހަރު އެމްއެމްޕީއާރުސީން ހިންގާ މުޅިން އާ ހަރަކާތްކަމުގައިވާ "މޯލްޑިވްސް އިޔާ" ރަޝިޔާގައި ފާހަގަކުރުން ވެސް ހިމެނެއެވެ.

ރަޝިޔާއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. މިގޮތުން 2019 ވަނަ އަހަރު އަށްޑިހަ ތިންހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު، 17.5 އިންސަތައިގެ ކުރިއެރުމެކެވެ. ރަޝިޔާއަކީ 4 ވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެކެވެ.