ޚަބަރު

ވެކްސިން ޖަހާފައިތިބި މީހުންގެ މަޢުލޫމާތު އެނގޭނެ ސޮފްޓްވެއަރއެއް ޤާއިމްކުރަނީ


ނޭޝަނަލް ވެކްސިން ސޮފްޓްވެއަރ ޤާއިމްކޮށް ކުރިއަތް އޮތް ހަފްތާއެއްހާދުވަހުގެ ތެރޭ ބޭނުން ކުރަން ފަށާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސިނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ޝަހުރުބާން ޢަބްދުﷲ ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރުވެސް ރާއްޖޭގައި ވެކްސިން ޖަހާފައިތިބި މީހުންގެ މަޢުލޫމަތު އެނގޭނެ ޑޭޓާ ބޭސްއެއް ނެތްކަމަށެވެ. އަދި މިހާރު ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ އިސްނެންގެވުމާއެކު މިފަދަ އެމަރޖެންސީ ސޮފްޓްވެއަރއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ހަވާލުކޮށްގެން މި ސޮފްޓްވެއާ ތައްޔާރުކުރަމުންދާކަމަށާއި މިހާރު އެ މަސައްކަތުގެ ނުވަދިހަ އިންސައްތަ ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ސޮފްޓްވެއާރގެ ސަބަބުން ރާއްޖޭގައި ވެކްސިން ޖަހާފައިވާ ކުދިންގެ މަޢުލޫމާތާއި ވެކްސިންގެ ބާވަތްތައް ނުވަތަ ޑޯޒްތައް އެނގިގެންދާނެކަން ފާހަގަކޮށް ޝަހުރުބާން ވިދާޅުވީ ސޮފްޓްވެއަރ މެދުވެރިކޮށް ވެކްސިން ނުޖަހާ ތިބި ކުދިންގެ ގެއަށް ގޮސް އެކުދިންނަށް ވެކްސިން ޖަހާނެކަމަށެވެ. އަދި މިފަދަ މަޢުލޫމާތުތައް އެއްކުރެވުމާއެކު މިހާރު މިދިމާވާ ވެކްސިން ނުޖަހާ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

" ދެކޮޅުޖެހޭ ނިޒާމްގެ ތެރެއިން މި ސޮފްޓްވެއަރ ހަދަމުން މިދަނީ. ސޮފްޓްވެއަރއިން އެނގިގެންދާނެ ރާއްޖޭގައި ވެކްސިން ނުޖަހާ ތިބި ކުދިންގެ އަދަދާއި ސީދާ އެކުއްޖެއްގެ ނަންވެސް. މިމަސް ނިމުމުގެ ކުރިން ސޮފްޓްވެއަރ ފުލީ ބޭނުން ކުރެވޭނެ" ހެލްތު މިނިސްޓްރީގެ ސިނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ޝަހުރުބާން ޢަބްދުﷲ ވިދާޅުވިއެވެ.

ރާއްޖޭގައި ވެކްސިން ނުޖަހާ މައްސަލަ ފެންމަތިވެފައި ވަނީ ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ރާއްޖެއިން ފެނުމާ ގުޅިގެންނެވެ. ރާއްޖެއިން ހިމަބިހި ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މިހާތަނަށް 12 މީހަކަށް ހިމަބިހި ޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
ހިމަ ބިހި ފެނުމާއެކު ހެލްތު މިނިސްޓްރީން ވަނީ ވެކްސިން ނުޖަހާ ތިބި ފަރާތްތަކާއި ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ. މިގޮތުން މިހާރު ހެލްތު މިނިސްޓްރީން ވަނީ ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕެއިނެއް ފަށާފައެވެ. 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކެމްޕެއިންގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެސް މި ވެކްސިން ޖަހާދެމުންދެއެވެ.

މިއީ ޔުނިސެފާއި އިންޑިޔާއިން ރާއްޖެއަށް ހަދިޔާ ކުރި ވެކްސިންތަކެކެވެ. ހިމަބިއްސަށް އާއްމުން ހޭލުންތެރިކަން ކުޑަކަން ފާހަގަކޮށް ވެކްސިން ޖަހާ މީހުންގެ އަދަދު މަދުކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދުވާލަކަށް އެވްރެޖްކޮށް ވެކްސިން ޖެހުމަށް އަންނަނީ 10 އާއި 15 އާ ދެމެދުގެ އަދަދެއްގެ މީހުންކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ. ނަމަވެސް އެ މިނިސްޓްރީގެ އުއްމީދަކީ މިހާރު ކުރިއަށްގެންދާ ޤައުމީ ކެމްޕެއިން ނިމޭއިރު ރާއްޖޭގެ އެންމެން މި ވެކްސިން ޖަހައިގެން ތިބޭ ބަޔަކަށް ހެދުމެވެ. އަދި ވެކްސިން ނުޖަހާނަމަ އެ ފަރާތްތައް އުޅޭ ގޭގެއަށްގޮސްވެސް ވެކްސިން ޖަހުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.