މިމަހުގެ ފަންސަވީހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަނަމް ޕޫރީގެ ބޭންޑުގެ މިއުޒިކް ޝޯވ ޕްރޮމޯޓްކުރުމަށްޓަކައި ޒުވާނުންތަކެއް އިސްނަގައިގެން ކެމްޕެއިންނެއް ފަށައިފިއެވެ. "ސަނަމް ޕޫރީ ޝޯއަށް މަވެސް ދާނަން" މިނަމުގައި ކުރިއަށް ގެންދާ މިކެމްޕެއިންގައި މިއަދުން ފެށިގެން ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މި ޝޯ ޕްރޮމޯޓްކުރުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދާނެކަމަށް މިކެމްޕެއިން ކުރިއަށްގެންދާ "ޓީމް ޒުވާނުން" މި ގްރޫޕުން މައުލޫމާތުދެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ޓީމް ޒުވާނުން"ގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖޭގައި ބޭއްވި މިފަދަ ބޮޑެތި މިއުކިޒް ޝޯތައް ޕްރޮމޯޓްކުރުމަށްޓަކައި ޒުވާނުން ހަރަކާތްތެރިވީ ފަދައިން، މިފަހަރުގެ ޝޯވެސް ޕްރޮމޯޓްކުރުމަށްޓަކައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޝޯ ބޭއްވިގެން މިދަނީ ރާއްޖޭގެ މިނިވަކަމަށް ފަންސާސް އަހަރު ފާހަގަކުރަމުންދާ މުނާސަބާއާއި ގުޅުވައިގެންކަމުން، މިފަހަރުގެ އެތަށް ގުނައެއް ޚާއްސަވެގެންދާނެކަމަށާއި، މިޝޯއަކީ ކާމިޔާބު ޝޯއަކަށް ހެދުމަށް ވަކި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ޒުވާނުން ހަރަކާތްތެރިވަމުންދާނެކަމަށް ޔާމިން ވިދާޅުވިއެވެ. ސަނަމް ޕޫރީ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަންސަވިސްވަނަ ދުވަހުގެރޭ މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ. އަދި އެކަމަށްޓަކައި މި ޝޯ އިންތިޒާމްކުރާ އެމް.އެމް.ޕީ.އާރް.ސީގެ "ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" ޓީމްގެ ފަރާތުން އެ ސަރަހައްދު ވަރަށް ބޮޑަށް ދަނީ ތައްޔާރުކުރަމުންނެވެ. މި ޝޯގައި ސަނަމް ޕޫރީ ބޭންޑާއެކު، ރާއްޖޭގެ މަޝްހޫރު ދެ ލަވަކިޔުންތެރިންކަމަށްވާ މީރާ މުހައްމަދާއި، އައިމިނަތު ލަމްހާ ލަތީފް ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯ އޮންނާނީ، މިމަހުގެ ފަންސަވީސް ވާ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ރާޅުގަނޑު ސަރަހައްދުގައެވެ.