ޚަބަރު

ޖޭޕީގެ ކެނޑިޑޭޓުންގެ ޢަދަދު މަދުކަމަށް ޤަބޫލެއް ނުކުރަން - ރިޔާޒް ރަޝީދު


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ ޢަދަދު މަދުކަމަށް ޤަބޫލު ނުކުރާކަމަށް އެޕާޓީން ބުނެފިއެވެ.

ސަތޭކަ ހަތާވީސް ކެންޑީޑޭޓުންނާއެކު އެޕާޓީގެ ކެންޕެއިން ލޯންޗުކުރުމަށް މިމަހުގެ 13ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި އޮންނާނެކަން އެޕާޓީންވަނީ ހާމަކޮށްފައެވެ. ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ފާޑުކިޔައި ހަޖޫޖަހާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހު ރަނގަޅު މަންޒަރެއް ފެންނާނެކަމަށެވެ. ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިޙްސާސްތަކާއި އެކުގައި ކަމަށާއި، އެކަން ރައްޔިތުން ބަލައި ގަންނަކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ހަޖޫޖަހައި ފާޑުކިޔާ ފަރާތްތަކަށް މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ޖަލްސާގައި އަޅުގަނޑުމެން މަންޒަރު ދައްކާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ތާއީދުކުރާ ފަރާތްތަކުން ކާނިވާ ސަރަހައްދު ފުރާލާނެ. މިޕާޓީއަށް ހަޖޫޖަހާ ފަރާތްތަކަށް އެރޭ ރަނގަޅު މަންޒަރެއް ފެނިގެންދާނެ" ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ބައިވެރިވި އެޕާޓީގެ ލީޑާރޝިޕް ބޭފުޅުން ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ޖުމްހޫރީޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ޢަދަދު މަދުކަމަށް އެޕާޓީން ޤަބޫލުނުކުރާކަމަށެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން 127 ކެނޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އަށް ކެންޑިޑޭޓުންނަކީ މާލޭގެ 8 ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބްގައި ވާދަކުރައްވަނީ 56 ކެންޑިޑޭޓުންނެވެ.