އެސްޓީއޯއިން ފޯރުކޮށްދޭ ބޭހާއި، ކާޑުގެ ބާވަތްތަކުގެ ސްޓޮކް ހުސްނުވާވަރަށް އެބަހުރި ކަމަށާއި، އެތަކެތި އިތުރަށް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ އިންޑިއާއިން ސަރޖިކަލް މާސްކާއި ބައެއް ބޭސްތައް އެކްސްޕޯޓުކުރުން މިހާރު މަނާ ކުރިނަމަވެސް، ރާއްޖެއަށް އެހެން ޤައުމުތަކުންވެސް ބޭސް އެތެރެކުރާތީ ބޭސް ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ.
”އިންޑިއާއިން ބައެއް ބޭސްތައް އެކްސްޕޯޓުކުރުން މަނާކޮށްފައިވީނަމަވެސް، ރާއްޖޭގެ ސަރުކާރުން އިންޑިއާ ސަރުކާރާއި ވާހަކަދައްކައިގެން ރާއްޖެއަށް ބޭސް ލިބޭނެ ގޮތްތަކެއް ހަމަޖެހޭނެ ކަމަށް ޤަބޫލުކުރެވެނީ" އަމްރު ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާތީ، ކާޑު ފަދަ ބާވަތްތައް ގިނަ އަދަދަކަށް ގަންނަމުންދާ ކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ އެގޮތަށް ބައެއް މީހުން ނިކުމެ، ކާޑުގެ ބާވަތްތައް ގިނަ އަދަދަކަށް ގަތުމުގެ ސަބަބުން، ބައެއް ރަށްރަށުން ކާޑު ހުސްވެ، އެރަށްރަށަށް ވަގުތުން ގެންދިޔުމަށް ދަތިތަކެއް ދިމާވަމުންދާކަމަށެވެ. އެސްޓީއޯގެ ބޭސްފިހާރަތަކުން ސަރޖިކަލް މާސްކް ވިއްކާ އަދަދާއި އަގު މީގެ ކުރިންވަނީ ކޮންޓްރޯލްކޮށްފައެވެ. އެސްޓީއޯއިން މާސްކް ވިއްކުމަށް ހަމަޖެހިފައިވަނީ 2 ރުފިޔާ 50 ލާރީގެ ރޭޓުން މީހަކަށް ގިނަވެގެން 3 މާސްކެވެ.
ކޯވިޑް-19އަށް ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއްވެސް ވަނީ ޤާއިމް ކޮށްފައެވެ. އަދި މި ވައިރަސް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ.