ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓު މިމަހު ނެރޭނެ - ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން


ދައުލަތުން ގެއްލިފައިވާ މުދާލާއި ފައިސާ، ހޯދުމަށް އެކުލަވާލި ކޮމިޝަންގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިމޭނެކަމަށާއި ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅުތައް އަޅުއްވަމުން ގެއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 4 ވަނަދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ރ އަތޮޅޫގެ ކެމްޕެއިން ބައްދަލވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ގާތްގަޑަކަށް ނިމި ފުރަތަމަ ޑްރާޕްޓް އެމަނިކުފާނަށް މިހާރު ލިބިވަޑާއިގެންފައިވާކަމަށެވެ.

1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާއި ހަމައަށް ހިންގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ގިނަ މައްސަލަތަކެއް އެކި އެކި ސަބަބުތަކާއި ހެދި ރަނގަޅަށް ބެލިގައި ނެތުމުން އެ މައްސަލަތައް ބެއްލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުއެވެ. މި ކޮމިޝަންގެ ހޯދުންތަކާއި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ރިޕޯޓު މިހާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި ކޮމިޝަނުން އެކުލަވާލާ ފައިނަލް ޑްރާފްޓް މިމަހުގެ ނިޔަލަށް ނިމެނޭކަމަށާއި އެ ރިޕޯޓާއިއެކު ރައްޔިތުންނަށް ހާމަކުރައްވަންޖެހޭ ކަންކަން ހާމަކޮށް، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެފަރާތަކާއިމެދު ފިޔަވަޅު އަޅަމުންގެންދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

"ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރެއްވި ކޮމިޝަންގެ މަސައްކަތް ވަނީ ނިމިފަ. އެބޭފުޅުންގެ ފުތަރަމަ ޑްރާފްޓް ހަފްތާއެއްކުރިން އަޅުގަނޑަށް ވަނީ ފޮނުވާފަ. ފައިނަލް ޑްރާފްޓް މިމަހުގެ ނިޔަލަށް ނިންމައި، އެޔާއި މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި ހާމަކުރަންޖެހޭ ކަންކަން ހަމަކުރަމުންދާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތުގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ދައުލަތަށް ޚިޔާނާތްތެރިވެ އެންމެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާ އެންމެބޮޑު އެއްމަސަލަޔަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެވެ. އެސެޓްރިކަވަރީ ކޮމިޝަނުން ވަނީ އެމްއެމްޕީއާރސީގެ ހިޔާނާތް 3.3 ބިލިއަން ރުފިޔާއަށް އަރާކަން މީގެކުރިން ހާމަކޮށްފައެވެ.

ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައިސްވަނީ ރާއްޖޭގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ގޮންޖެހުމަކަށްބަލައި ޚަރަދުކުޑަކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވީނަމަވެސް ދިމާވާ ގޮންޖެހުންތަކާއިއެކުވެސް މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫޢުތައް ހިންގުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަން ދެއްވާ ކަމެއްމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އަތޮޅުތަކުގެ ތަރައްޤީއަށް މިހާރުވެސް ގިނަ ކަންތައްތަކެއް ރޭވިފައި ހުރިކަމަށް. އެހެންނަމަވެސް އެކަމުގެ ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނީ ލާމަރުކަޒީ ނިޒާމު ޤަބޫލުކުރާ ބަޔަކު ކައުންސިލްތަކަށް އިންތިޚާބުކޮށްގެންކަމަށެވެ. އަދި މިއިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ސަރުކާރުން ބޭނުންވާ ގޮތަށް ހިންގުމަށްޓަކައި ލިބޭ ވަރަށްބޮޑު ފުރުސަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަންކުރެވޭނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށްކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ތިޔަބޭފުޅުން އަޅުގަނޑު ވެރިކަމަށް ހޮއްވެވީ ކޯލިޝަނެއްގެ ތެރެއިން. އެހެންނަމަވެސް މި ލާމަރުކަޒީ ނިޒާމު ތަންފީޒުކުރަން ބޭނުންނަމަ އެމްޑީޕީއަށް އެބަޖެހޭ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދަދޭން. މިއީކީ އަޅުގަނޑުމެން ވެރިކަމަށް އައުމަށް ވީ އެއްބަސްވުމާއި ފުށޫ އަރާކަމެއްކަމަށް އަޅުގަނޑެއް ނުދެކެން." ރައީސް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންނެވިއިރު ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ދިމާލަކަށް ބެލިކަމުގައި ވީނަމަވެސް ޤައުމުގައި ކަންބޮޑުވާންޖެހޭ އެތައްކަމެއް އެބަހުރި ކަމަށެވެ. އެގޮތުން ޞިއްޚީ ދާއިރާއާއި، ތައުލީމާއި، ޒުވާނުންނަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް ސަރުކާރުން ހައްލުތަކެއް ހޯދައި ދެއްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ހާއްސަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން ފާހަގަކލުރައްވާ މިއަހަރުގެ ތެރޭގައި މާލެއާއި އަތޮޅުތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މިއަހަރު ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރ އަތޮޅުން ކައުންސިލްތަކަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުން ކެމްޕެއިންތައް ފެށުމަށް ބޭއްވި ބައްދަލުވުމުގައި އެ އަތޮޅު ވާދަކުރައްވާ ބައެއް ކެނޑިޑޭޓުންނާއި މާލޭގައި ދިރިއުޅޫ ރ އަތޮޅުގެ ރައްޔިތުން ބައިވެރިފައިވެއެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން 876 ކެނޑިޑޭޓޫން ވާދަކުރެއެވެ.