ޚަބަރު

ވަޢުދުތައް ފުއްދުމަށް ކައުންސިލް އިންތިޚާބު ކާމިޔާބުވުން މުހިންމު - ރައީސް


ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ލޯކަލް ކައުންސިލް އިންތިޚާބް އެމްޑީޕީއަށް ކާމިޔާބުވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ކެމްޕެއިންގައި މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތް ފެށުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުވުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ ނިމިދިޔަ 2 އިންތިޚާބުގައި ރައްޔިޔުން ނިންމި ނިންމުން މި އިންތިޚާބުގައިވެސް ނިންމެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ރިޔާސީ އިންތިޚާބް ކާމިޔާބުކޮށް މަޖިލިސް އިންތިޚާބު ސާފު ބޮޑު އަޣްލަބިއްޔަތަކުން ދިވެހި ރައްޔިތުން އެމްޑީޕީއަށް ދީފައިވަނީ ރައްޔިތުން ކުރާ އިތުބާރެއްގެ ސަބަބުންކަމަށެވެ. އަދި މިއިންތިޚާބް ވެގެންދާނީ ރައްޔިތުން އެމްޑީޕީއަށް ކުރާ ތާއީދާއި އިތުބާރު އަނެއްކާވެސް ހާމަވެގެންދާނެ އިންތިޚާބެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިޚާބަކީ އެމްޑީޕީން ވެފައިވާ ވައުދުތައް ތަންފީޒުކުރުމަށްޓަކައި ކާމިޔާބުކުރަންޖެހޭ އިންތިޚާބެއްކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ރަށްތަކަށް ބާރުތައްދޫކޮށް ރައްޔިތުން ބޭނުންވާ ފަދަ ތަރައްޤީ ގެނެވޭނީ އެމްޑީޕީގެ ކައުންސިލަރުން އިންތިޚާބްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލް އިންތިޚާބް އަޅުގަނޑުމެންނަށް ކާމިޔާބް ނުކުރެވިއްޖެނަމަ އަޅުގަނޑުމެން ވީ ވަޢުދާއި އެއްގޮތަށް ކުރި މަސައްކަތްތައް ތަންފީޒުކުރުމުގައި އުދޫގޫތަކެއް ދަތިތަކެއް ކުރިމަތިވާނެ. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ސަޕޯޓަރުންނާއި، ޕާޓީގެ ހުރިހާ މެމްބަރުންނަށް އެގި ޔަގީންވޭ. ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށްވެސް އެކަން ގަބޫލުކުރެވޭ. އެހެންކަމުން އިންތިޚާބް ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި ފެށި ޑޯޓުޑޯ ހަރަކާތަކީ މި ކެމްޕެއިންގެ އެންމެ މުހިންމު ހަރަކާތްކަމަށެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ތަޢާރަފްކޮށް ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ނިޒާމެއްކަން ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށެވެ.

އަދި އެމަނިކުފާނު ގދ.ގެ 9 ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން ސަރުކާރުން ކުރަމުންދާ ކަންކަން ޤަބޫލުކޮށްފައިވާ މިންވަރު ހާމަވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާދަމާ އެމްޑީޕީގެ އަންހެނުންގެ ރޫހުން ބާއްވާ ރަށްވެހި ފެސްޓިވަލްގެ އެންމެބޮޑު ބޭނުމަކީވެސް އެކިދާރާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތައް ހާމަކޮށްދިނުންކަމަށެވެ.

"ރާއްޖޭގެ ރައްޔިތުނަށް ސާފުވޭ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ތަޢާރަފްކޮށް ތަންފީޒުކުރަން ބޭނުންވާ ނިޒާމެއްކަން. ރައްޔިތުން ގަބޫލުކުރޭ ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ރައްޔިތުންނަށް ވާނެ ފައިދާއާއި ރަށްވެހި ކަމުގެ ފުރިހަމަކަން. އަޅުގަނޑުމެން މިދަނީ ވެފައިވާ ވައުދުތަކާއިއެކު އެވައުދުތައް ތަންފީޒުކުރަމުން. ރައްޔިތުންވެސް ޤަބޫލުކުރޭ އަޅުގަނޑުމެންނަށްކަން މިކަން ކުރެވޭނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މާލޭގައި ހިންގި ކެންޕެއިން މި ހަރަކާތުގައި މާލޭގެ ގެތަކަށްވަދެ ރައްޔިތުންގެ އަޑުވަނީ އަހާފައެވެ. އަދި ކައުންސިލް އިންތިޚާބާއިއެކު ސަރުކާރުން ވައުދު ފުއްދުމަށް ކަންކަން ރާވާފައިވާ ގޮތާއި، މި އިންތިޚާބް އެމްޑީޕީއަށް ކާމިޔާބުކުރުމުގެ މުހިންމު ކަމުގެ މައުލުމާތު ވަނީ ދީފައެވެ.