ޚަބަރު

3 އަތޮޅެއްގައި ޕީޕީއެމްގެ ކެމްޕެއިން ޙަރަކާތްތައް ފަށައިފި


ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއިން 3 އަތޮޅެއްގައި ކެމްޕެއިން ހަރަކާތްތައް ފަށައިފިއެވެ.

ޕީޕީއެމް ޕީއެންސީގެ ލީޑާރޝިޕްގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެގެން ފަށާފައިވާ މިކެންޕެއިން ދަތުރު ފަށާފައިވަނީ އިއްޔެއެވެ. ތިން އަތޮޅަކަށް ކުރާ މިދަތުރުގައި ކެމްޕެއިން ޓީމްތައް ދިއުމަށް ހަމަޖެހިފައިވަނީ ޅ.އަތޮޅުގެ ރަށްތަކަށާއި، ރ.އަތޮޅުގެ ރަށްތަކުގެ އިތުރުން ނ.އަތޮޅުގެ ރަށްތަކަށެވެ.

ކޮންމެ އަތޮޅެއްގައިވެސް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާއި ތާއީދު ހޯދުމަށްޓަކައި ޑޯޓުޑޯ ހަރަކާތްތައް ހިންގުމާއި، ޖަލްސާތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މިޖަލްސާތަކުގައި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިޚާބް ކުރަންޖެހޭ ސަބަބާއި، މިއިންތިޚާބުގެ މުހިންމުމުގެ މައްޗަށް ލީޑަރޝިޕްގެ ބޭފުޅުން މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި 679 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 517 ކެނޑިޑޭޓުން ވާދަކުރެއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 2435 ކެންޑިޑޭޓުން ވާދަކުރާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި 1817 ކެންޑިޑޭޓުން ވާދަކުރާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައެވެ.

މި އިންތިޚާބުގައި 269562 މީހުންނަށް ވޯޓްލުމުގެ ހައްޤުލިިބިގެންވެއެވެ.