އައި.ޖީ.އެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިތިބޭ ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
އައި.ޖީ.އެމް.އެޗުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިގޮތަށް ނިންމީ ކޯވިޑް-19ން އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އެގޮތުން ހޮސްޕިޓަލްގައި ބައިތިއްބައިގެން ފަރުވާދޭ ބަލިމީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީއާއި، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ހޮސްޕިޓަލުގެ ސިއްޙީ މިންގަނޑުތައް ދެމެހެއްޓުމުގެ ގޮތުން، ބަލި މީހުންނަށް ޒިޔާރަތް ކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މިގޮތަށް ނިންމި ނަމަވެސް ބަލިމީހާގެ އެހީތެރިޔާއަށް ބަލިމީހާއާއެކު މަޑުކުރެވޭނެ ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އެޑްމިޓް ކޮށްފައިތިބޭ ބަލިމީހުންގެ އެހީތެރިން ފިޔަވައި އެހެން މީހުން ކޮންމެހެން ދާންޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިއުމަށްވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖޭގައި ކޯވިޑް-19 އަަށް ޝައްކު ކުރެވޭ މީހުންގެ ޓެސްޓު ހެދުމާއި، އެ ވައިރަހަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދޭ ޚާއްސަ އައިސީޔޫއެއްވެސް އައިޖީއެމް ހޮސްޕިޓަލުގައި ވަނީ ޤާއިމްކޮށްފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ދެމީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާނުކޮށްފައި ވީނަމަވެސް ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ކަމާއި ބެހޭ އިދާރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
ކަމާބެހޭ ފަރާތްތަކުން ވަނީ މި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާކަންވެސް ހާމަކުރައްވާފައެވެ.